ކުޅިވަރު

ކޮމަންވެލްތު ގޭމްސްގެ ބީޗްވޮލީ ކޮލިފައިންގައި ރާއްޖޭގެ ކުޑަކާއްޓޭއާއި އެޑަމްގެ ޕެއާއަށް ރިހި މެޑަލް

ސްރީ ލަންކާގައި ރޭ ނިމުނު ކޮމަންވެލްތު ބީޗްވޮލީބޯޅަ ކޮލިފައިންގައި ރާއްޖޭން ވާދަކުރި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ރިހި މެޑަލާއެކު ކޮލިފައިން ނިންމާލައިފިއެވެ.

ރިހި މެޑަލްއާއެކު ކޮލިފައިން ނިންމާލި ނަމަވެސް ރަން މެޑަލް ނުލިބުމުން އެޑަމް އާއި ކުޑަކާއްޓޭ ކޮމަންވެލްތު ގޭމްސްއަށް ކޮލިފައިވެފައެއް ނުވެއެވެ.

ރާއްޖެ، ސްރީ ލަންކާ، މެލޭޝިއާ އަދި ސިންގަޕޫރްގެ ދެމެދުގައި ކޮމަންވެލްތު ކޮލިފައިން ބޭއްވީ ލަންކާގެ ނިގަމްބޯ ބީޗު ކޯޓުގައެވެ. ކޮލިފައިންގައި ރާއްޖެއިން ސިންގަޕޫރުވެސް ބަލިކޮށް ފައިނަލަށް ދިޔަ އިރު، ފައިނަލުގައި އެޑަމްއާއި ކުޑަކާއްޓެގެ ޕެއާ ބަލިވީ ލަންކާގެ އަޝެން އާއި މަލިންތާގެ ޕެއާ އަތުންނެވެ. މެޗުގެ ސެޓުތައް ލަންކާ ޓީމުން ގެންދިޔައީ 21-13، 21-13 އިންނެވެ.

މިއީ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗުކަމަށް ގެނައި ބްރެޒިލްގެ މަތީ ފެންވަރުގެ ކޯޗު ވިނީޝިއުސް މާޓިން ގެނައި ފަހުން ގައުމީ ޓީމުގެ ދެވަނަ މުބާރާތެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން ބީޗް ވޮލީބޯޅަ ޓީމަށް ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ) އިން ހަމަޖައްސައިދިން ކޯޗު ވިނީޝިއުސް ހުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައެވެ.

ޖުލައި މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި އޮންނަ ކޮމަންވެލްތު ގޭމްސްއަށް ދާ ރާއްޖޭގެ ކޮންޓިޖެންޓް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. މެދުކެނޑުމަކަށްފަހު މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ވާދަކުރާއިރު، ރާއްޖެއަށް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިންމުމާ ގުޅިގެންނެވެ.

ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ކޮމަންވެލްތުން ރާއްޖެ ވަކިވާން ފެންނަ ކަމަށް 39 މެންބަރަކު ވޯޓު ދެއްވައިގެންނެވެ. އެދުވަހުގެ ޖަލްސާގައި އެކަމާ ދެކޮޅަށް 19 މެންބަރަކު ވޯޓު ދެއްވިއެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު ރާއްޖެއިން ކޮމަންވެލްތު އޮފް ނޭޝަންސްއާ އަލުން ގުޅުމަށް ނިންމެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ގައެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމަށް ފާސްކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ބޭއްވި އެ މަޖިލީހުގެ ޖަލްސާގައެވެ.

ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅިގެން ދިޔައީ 2020 އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ކޮމަންވެލްތުގައި ރާއްޖޭން ފުރަތަމަ ބައިވެރިވީ 1982 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ.