އެންޓި ކޮރަޕްޝަން ކޮޮމިޝަން (އޭސީސީ)ގެ މަސައްކަތް ކާމިޔާބުކުރުމުގައި، އެ ކޮމިޝަންގެ އެއް ނަންބަރު ސަޕޯޓަރަކަށްވާނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް ކަމަށް ޕީޖީ ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޝަމީމުގެ އަމިއްލަ ބްލޮގުގައި މިއަދު ޝާއިއުކުރައްވާފައިވާ ލިޔުމެއްގައި، އޭސީސީއަށް އަލަށް އައްޔަންކުރި މެންބަރުންނަށް ތަހުނިޔާ އަރިސްކުރައްވައި ވިދާޅުވެފައިވަނީ، އޭސީސީގެ މަސައްކަތް ކާމިޔާބު ވުމަކީ ޕީޖީގެ އޮފީހުގެ މަސްލަހަތުގައި އޮތް ކަމެއް ކަމަށެވެ. އަދި ގާނޫނު ތަންފީޒުކޮށް، ކޮމިޝަނުގެ މަސައްކަތް ކާމިޔާބުކުރުމުގައި، އެ ކޮމިޝަނުގެ އެއް ނަންބަރު ސަޕޯޓަރަކަށްވާނީ ޕީޖީގެ އޮފީސް ކަމަށާއި އެ އޮފީހުގެ ހުރިހާ އިންސާނީ ވަސީލަތެއް، އޭސީސީގެ މަސައްކަތް ކާމިޔާބުކުރުމުގެ މަގަށް، ކުރިންވެސް، މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް އޮންނާނީ ރުކުރުވާލާފައި ކަމަށް ވިދާޅުވިއެވެ.
"އެކަމުގެ ފުރިހަމަ ޔަގީންކަން އާ މެންބަރުންނަށް އަޅުގަނޑު އަރުވަމެވެ. ކޮމިޝަނުން ފައްޓަވާ ޖިނާއީ ހުރިހާ ތަހުގީގެއްގެ އަނެއް ކޮޅުގައި އަޅުގަނޑުމެން ވަރުގަދައަށް ހިފާނަމެވެ. އެމަސައްކަތް ކާމިޔާބުކުރުމަށް ލެވެން އޮތް ބާރެއް ލާނަމެވެ،" ޝަމީމު ލިޔުއްވާފައިވެއެވެ.
އޭނާ ވިދާޅުވީ، ގާނޫނެއް ހަދައި، ތަންފީޒީ އިދާރާތަކާ ތަންފީޒުކުރަން ހަވާލުކުރުމުން، ތަންފީޒީ އިދާރާތައް އަމަލުކުރާނީ ލޮލަކަށް، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ކަމަށެވެ. އަދި އެކަމުން ނުތަނަވަސްކަން އަންނަ މީހަކަށް ނުތަނަވަސްކަން އަޔަސް، އުއްމީދަކީ، އަލަށް އެކުލަވައިލެވުނު ކޮމިޝަނާ އެކު، ރަނގަޅު، ކާމިޔާބު މަސައްކަތްތަކެއް ކޮށް، ރާއްޖޭގައި ކޮރަޕްޝަން ނެތް މުޖުތަމައެއް ބިނާ ކުރުން ކަމަށް ވިދާޅުވިއެވެ.
އޭސީސީއަށް މެންބަރުން އައްޔަންކުރީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އޭސީސީއަށް އައްޔަންކުރި ބޭފުޅުންނަކީ:
- އާދަމް ޝާމިލް ރަތްވިލާގެ، ތ.ވިލުފުށި (ކޮމިޝަންގެ ރައީސް)
- އަބްދުއްސަލާމް ހަވާ، ށ.ނަރުދޫ (ކޮމިޝަންގެ ނައިބު ރައީސް)
- ތާހާ މުހައްމަދު ކަޅިހާރުގެ، އދ.މާމިގިލި
- ޝަޒްނާ ހާޝިމް ރިހިވިލު، ހދ.ނޮޅިވަރަންފަރު
- ޝިޔާމާ މުހައްމަދު ނާރެސް، ރ.ހުޅުދުއްފާރު
ޚަބަރު
ޚަބަރު
ޚަބަރު