އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް، އީގަލްސްއިން ދެވަނައިގައި ހަމަޖެހިލައިފިއެވެ.

މި ބުރުގައި އީގަލްސްއާއި ގްރީންވެސް މިހާތަނަށް ކުޅެން އޮތް މެޗުތައް ނިމިފައިވާ އިރު، މިއަދު ހަވީރު މެޗުން އީގަލްސް މޮޅުވީ 4-2ގެ ނަތީޖާއަކުންނެވެ. ލީގުގެ މި ބުރުގައި ދެން ބާކީ އޮތް ހަމައެކަނި މެޗަކީ މާޒިޔާއާއި ކްލަބު ވެލެންސިއާ މިރޭ ކުޅޭ މެޗެވެ.

މިއަދުގެ ނަތީޖާއާ އެކު އީގަލްސްއިން ވަނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ. މާޒިޔާއަށް ހަ މެޗުން 18 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އީގަލްސް އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކުގައެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސް އިން ވަނީ ފުރަތަމަ ހަތް މިނެޓު ތެރޭ ދެ ގޯލު ޖަހައިފައެވެ. މެޗުގެ ފަސް ވަަނަ މިނެޓުގައި އީގަލްސް އިން ލީޑު ނެގީ އަހުމަދު ހަސަން (އައްމަޑޭ) ޖެހި ގޯލުންނެވެ. އޭގެ ދެ މިނެޓު ފަހުން އައްމަޑޭ ޖެހި ބޯޅައެއް ހުރަސްދަނޑީގައި ޖެހިފައި އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އަށް ލިބުމުން އޭނާ ވަނީ އެ ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިފައެވެ.

މެޗުގެ ދެވަނަ ހާފަށް ނުކުމެ ގްރީން އިން ކުޅުން ރަނގަޅު ކުރިއެވެ. ނަތީޖާއަކަށްވީ މެޗުގެ 54 ވަނަ މިނެޓުގައި ގްރީންއިން އެޓީމުގެ ފުރަތަމަ ގޯލު ޖެހިއެވެ. ގްރީންގެ ގޯލު ޖެހީ ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ. އެ ގޯލާ އެކު ގްރީނުން މެޗު އަނބުރާލަން މަސައްކަތް ކުރަން މަސައްކަތް ކުރި ނަމަވެސް އީގަލްސްއިން ވަނީ އަނެއްކާވެސް ކުޅުން ވަރުގަދަކޮށްފައެވެ.

ކުޅުން ރަނގަޅުކޮށް އީގަލްސްއިން ގާތް ގާތުގައި ދެ ގޯލު ޖެހި އިރު، އެ ދެ ގޯލުވެސް ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ގްރީންއިން ވަނީ ދެ ވަނަ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ޗޯޓުއަށް އީގަލްސްގެ ކީޕަރު މުހައްމަދު ތާހާ ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒް ޖެހި ގޯލެކެވެ.