Close
ޚަބަރު

ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތައް ފަށައިފި

1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލި ހާދިސާ އާއި، އެ ހާދިސާގައި އެރަށުގެ ރައްޔިތުންގެ ގެދޮރާއި މުދާ ސަރުކާރަށް ނަގައި މީހުންނަށް ދިން ލާއިންސާނީ އަނިޔާގެ މައްސަލައިގެ އަޑުއެހުންތައް އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު 9:00 ގައި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވާއިރު، އެ ހާދިސާގައި އަނިޔާލިބުނު ތިންމީހަކު މިއަދުގެ ހެނދުނުގެ ދަންފަޅީގައި ވަނީ ބަޔާން ދީފައެވެ. ހެނދުނުގެ ދަނފަޅި ކުރިއަށްގެންދިޔައީ 12:00 އަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ގދ. ތިނަދޫ، ތިނަދޫގެ އާދަމް ހުސެއިން، އާއި ގއ. ކަނޑުހުޅުދޫ އަތަމާގެ އާއިޝަތު ހުސެއިންގެ އިތުރުން ގދ. ތިނަދޫ ގޯލްޑަން ހައުސް އާއިޝަތު ފަރީދާ އެވެ.

އެ ތިންމީހުންވެސް ވަނީ ތިނަދޫން މީހުން ބޭލުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާސިރުގެ އަމުރުފުޅަށް ސިފައިންނާއި، ވެރިކަަމުގައި އޭރު ތިއްބެވި ބައެއް ފަރާތްތައް ހިންގި ލާއިންސާނީ އަމަލުތައް ކަމަށްބުނެ ބޮޑެތި ކަންތައްތަކެއް ކިޔައިދީފައެވެ.

އޭގެ ތެރޭގައި މީހުންގެ މުދަލާއި ގެދޮރު ސަރުކާރަށް ނެގުމާއި، ބެލުމެއްނެތި މާބަނޑުމީހުންނާއި ކުޑަކުދިންނާއި ދުވަސްމީހުން ރަށުން ބޭލުމާއި، މީހުންގެ ގެދޮރުގައި ހުޅުޖެހި ކަމަށްބުނާ މައުލޫމާތުތަކެއް އެ ފަރާތްތަކުން ވަނީ ހިއްސާ ކޮށްފައެވެ. ބަދަލުގެ ގޮތުގައި މަރުގެ ދިޔަ އާއި މުދަލުގެ ބަދަލު ހޯދަން ބޭނުންވާ ކަމަށް ބައެއް ފާރްތަކުން ބުންޏެވެ.

ގދ. ތިނަދޫގައި ކުރިއަށްގެންދާ މި އަޑުއެހުމުގެ މެންދުރުފަހުގެ ދަންފަޅި ފަށާނީ 2:00 ގައެވެ.

ތިނަދޫން މީހުން ބޭލި މައްސަލަ ބަލައިދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅީ، ތިނަދޫ ކައުންސިލުންނެވެ. އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ހަ ކަމަކަށް ކައުންސިލުން އެދިފައިވެއެވެ.

އޭގެ ތެރޭގައި ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުމާއި، ރައްޔިތުންގެ ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުމާއި، ތިނަދޫން ގެއްލިފައިވާ މުއްސަނދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ އިތުރުން އެރަށު ރައްޔިތުންނަށް އެކަމުގެ ބަދަލު ހޯދައިދިނުމާއި އެ ގަތުލުއާންމުގައި ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ، ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބިދިނުން އޭގެ ތެރޭގައި ހިމެނެއެވެ.