އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު ސަސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސަސްގެ ދެ ގޯލުވެސް އުމުރުން 37 އަހަރުގެ ޑިފެންޑަރު، ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ޖެހި އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާއެވެ.

މިރޭގެ މޮޅާއެކު ސަސް ހަވަނައިގައި އޮތީ ހަތް މެޗުން ހަތް ޕޮއިންޓާ އެކުގައެވެ. ހަތް ވަނައިގައި ކްލަބު ގްރީން ސްޓްރީޓްސް އޮތް އިރު، މި ބުރުގެ ފަހު މެޗުގައި މާދަމާ ހަވީރު އެޓީމު ނުކުންނާނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. ދަ ގްރާންޑޭ މި ސީޒަނުގައި މިހާތަނަށް ކުޅުނު 14 މެޗުންވެސް އަދި މޮޅެއް ނުލިބެއެވެ.

މިރޭގެ މެޗުގެ 16 ވަނަ މިނެޓުގައި ދަ ގްރާންޑޭން ލީޑު ނެގީ އިސްމާއިލް ނަޒީހު ޖެހި ގޯލުންނެވެ. ސަސްއިން މެޗުގައި ގޯލެއް ޖަހަން ކުރި ބުރަ މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު ކޮޅުގައެވެ. ސަސްއިން މެޗު ނިމެން 15 ވަރަކަށް މިނެޓަށް ވެފައި އޮއްވައި ފުރަތަމަ ގޯލު ޖެހިއެވެ. ބެންޖޯ ޖެހި ފުރަތަމަ ގޯލަކީ ހާފުގެ މެދެއްހާ ހިސާބުން ޖެހި ގޯލެކެވެ. ބެންޖޯ ޖެހި ބާރު ބޯޅަ ގޯލަށް ވަން އިރު، ދަ ގްރާންޑޭގެ ގޯލްކީޕަރު ހަސަން މުއާޒަށް ހަރަކާތެއް ނުކުރެވުނެވެ.

މެޗުން ސަސް މޮޅުވި ގޯލު ފެނުނީ 85 ވަނަ މިނެޓުގައެވެ. ދަ ގްރާންޑޭގެ އޭރިއާ ރޮނގުމަތިން ލިބުނު ހިލޭ ޖެހުމަކުން ބެންޖޯ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ އީގަލްސްއާ އެވެ. އަދި މާދަމާރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ނުކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ.