އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ޓީސީ ސްޕޯޓްސް ކްލަބު އެއްވަރުވެއްޖެއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ދެޓީމު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ދެ ޓީމަށް ފުރަތަމަ ބުރުގެ މެޗުތައް ނިމިފައިވާ އިރު، ޓީސީ އޮތީ ގަދަ ހަތަރެއްގެ ތެރޭގައެވެ. ޓީސީ ހަތަރުވަނައިގައި އޮތީ ހަތް މެޗުން ދިހަ ޕޮއިންޓް ހަމަކޮށްގެންނެވެ. ޔުނައިޓެޑް ވިކްޓްރީ ފަސްވަނައިގައި އޮތީ ހަތް މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ޓީސީންނެވެ. އޭރިއާ ބޭރުން ހަމްދޫން އަބްދުލް ލަތީފް ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ޔޫވީގެ ކީޕަރު އަނަފް ޒަރިޔަންދު ބޯމަތިން ގޮހެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ 20 ވަރަކަށް މިނެޓުގައި އިތުރު ހަމަލާއެއް ފެނިފައި ނުވާ އިރު، މެޗުގެ 21 ވަނަ މިނެޓުގައި ޔޫވީން ނަތީޖާ ހަމަހަމަކުރިއެވެ. އަލީ ހަމްދާން އަރިމަތިން ވަދެ ޓީސީ އޭރިއާތެރެއިން ތިރިތިރިން ހުރަސްކޮށްލި ބޯޅަ ގޯލަށް ވައްދާލީ ޔޫވީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސްއެވެ.

އޭގެ އިރުކޮޅެއް ފަހުން އިވާން ބޮލުން ޖެހި ބޯޅަ ގޯލާ އަމާޒުނުވެ ދިޔަ އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔޫވީން ލީޑު ނެގިއެވެ. އޭރިއާތެރެއަށް ހިލޭ ޖެހުމަކުން ހުރަސްވި ބޯޅަ އިވާން ބޮލުން ޖައްސާލުމުން ގޯލަށް ވައްދާލީ އަލީ ހައިޝަމް (ޗުމްޕު)އެވެ.

ދެވަނަ ހާފަށް ނުކުމެ ޓީސީން އެއްވަރުކުރީ މެޗުގެ 63 ވަނަ މިނެޓުގައި ޒަޔާން ނަސީރު (ޒައްޔު) ޖެހި ގޯލުންނެވެ. އެ ގޯލާއެކު އިތުބާރާއެކު ކުޅެމުން ދިޔަ ޓީސީން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗުގެ 80 ވަނަ މިނެޓުގައި މިސްރުގެ އޮމަރު ހޮސާމް ސަލާހު ޖެހި ހިތްގައިމު ގޯލަކުންނެވެ. ސަލާހުގެ ގޯލު ޖެހީ އޭރިއާ ބޭރުން ވަރަށް ބަލާލައިފައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ޓީސީއަށް ލީޑު ހިފަހައްޓާލެވުނީ ތިން މިނެޓަށެވެ. މެޗުގެ 83 ވަނަ މިނެޓުގައި އިވާން ވަނީ ޔޫވީއަށް އެއްވަރުކޮށްދީފައެވެ. އޭރިއާ ތެރެއަށް ނަގައިދިން ހުރަސް އިވާން ގޯލަށް ވައްދާލީ ޓީސީގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އަތު ތެރެއިން ކަހަލަ ގޮތަކަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.