ޚަބަރު

ހިއުމަން ރައިޓްސްގެ ރިޕޯޓު: ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ މައްސަލަ ފުންޏެއް!

އަލީ ޔާމިން

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ބަލި މީހުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް އެތަނުގައި ނެތް ކަމަށާއި އެ މަރުކަޒުގައި އެކަށީގެންވާ ވަރަށް މުވައްޒަފުންވެސް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ކޮމިޝަން (އެޗްއާރްސީއެމް) އިން އިން ބުނެފިއެވެ.

އެޗްއާރްސީއެމުން މިމަހުގެ ހަ ވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކުރި ދަތުރަށްފަހު، އާންމުކުރި ރިޕޯޓުގައި ބުނީ، އެ ކޮމިޝަނުގެ ފަރާތުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2013 ވަނަ އަހަރު ކުރި ޒިޔާރަތުގައި، ނަފުސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނުވަތަ ނަފުސާނީ ބަލިތަކަށް ހާއްސަ ނަރުހެއްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް އެ މަރުކަޒަށް 2021 ގައި ކުރި ޒިޔާރަތުގައި އެ މަރުކަޒުގައި މިފަދަ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނެތްކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސެންޓާ ފޯ މެންޓަލް ހެލްތުން މަރުކަޒަށް ޒިޔާރަތްކޮށް ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން 20 މީހުން ބަލާފައިވާކަމަށާއި ނަމަވެސް ނަފުސާނީ ބަލީގެ ހާއްސަ ޑޮކްޓަރުންނަށް ދައްކަން އަދިވެސް ވަރަށް ގިނަ މީހުން ތިބިކަން ފާހަގަކޮށްފައިވެއެވެ.

އެޗްއާރްސީއެމުން ބުނީ، އައިޖީއެމްއެޗުގެ ސެންޓާ ފޯ މެންޓަލް ހެލްތުން މަދުވެގެން މަހަކު އެއްފަހަރު ނަމަވެސް މަރުކަޒަށް ޒިޔާރަތްކޮށް މަރުކަޒުގައި ތިބި ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުން ބަލައިދިނުމަށް އެދިފައިވާކަމަށެވެ. ނަމަވެސް އައިޖީއެމްއެޗުގެ ނަފުސާނީ ބަލީގެ ހާއްސަ ޑޮކްޓަރުންނަށް މަހަކު އެއްފަހަރު މަރުކަޒަށް ޒިޔާރަތްކުރުމަށް ދަތިވާނެތީ، ދެ މަހުން އެއް މަހުގައި މަރުކަޒަށް ޒިޔާރަތްކުރުމަށް އެދިފައި ވީ ނަމަވެސް، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން އަދި މިހާތަނަށްވެސް މަރުކަޒަށް އެ ފަރާތްތަކުން ޒިޔާރަތް ނުކުރާކަން މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ނަފުސާނީ ބަލީގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ މަރުކަޒުގައި ނަފުސާނީ ބަލީގެ ހާއްސަ ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުށަހަޅައި މިކަން ކަމާބެހޭ އިދާރާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި ޖެންޑާ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ ގުޅިގެން، ރާއްޖެއިން ބޭރުން ނަފުސާނީ ބަލިތަކަށް ހާއްސަ ދެ ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާއިން މައުލޫމާތު ދީފައިވާ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.

އެޗްއާރްސީއެމުން ބުނީ، 2011 ގައި ކޮމިޝަނުގެ ފަރާތުން ހުށަހެޅުނު ހުށަހެޅުމަކަށް ބިނާކޮށް ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އެޑްމިޓްކުރެވޭ ބަލިމީހުންނާމެދު އަމަލުކުރަން ޖެހޭ ގޮތުގެ އަތްމަތީ ފޮތެއް އެކުލަވައިލައިފައިވާ ކަމަށެވެ. އޭރުގެ މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ހިޔުމަން ރައިޓްސްގެ ކޮމެންޓަށް ފޮނުވާފައިވާކަމަށާއި ނަމަވެސް އެ މިނިސްޓްރީން އެ ލިޔެކިޔުންތަކާ ގުޅޭގޮތުން ވަކިގޮތެއް ނިންމާފައި ނުވާކަން 2013 ވަނަ އަހަރުގެ ޒިޔާރަތުގައި ފާހަގަކުރެވި އަދި މިހާތަނަށް އެ މަސައްކަތް ކުރެވިފައި ނުވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ގޯތިތެރެ މޮނިޓާކުރުމަށް ސީސީޓީވީ ކެމެރާ ހަރުކޮށްފައިވީ ނަމަވެސް، ވޯޑުތަކުގެ އެތެރެ ފެންނަ ގޮތަށް ކެމެރާ ހަރުކޮށްފައި ނެތުމުގެ ސަބަބުން، ވޯޑުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށާއި މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިތުރު ސީސީޓީވީ ކެމެރާތަކެއް ހަރުކުރުމުގެ މަސައްކަތް އިއުލާނުކޮށް ބިޑްކޮށްފައިވާކަމަށް ޖެންޑާއިން މައުލޫމާތު ދީފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މަސައްކަތާ ގުޅޭ ދާއިރާތަކުން ތަމްރީނު ލިބިފައިވާ މުވައްޒަފުން ނޫން ކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ، އެކަމުގެ ސަބަބުން، މަރުކަޒުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ އަޅައިލުމާއި، އެހީތެރިކަން ފޯރުކޮށް ނުދެވޭކަމަށެވެ. އަދި މަރުކަޒުން ފަރުވާ ހޯދަމުން އަންނަ މީހުންނަށް ފައިދާހުރި ކާނާ އެކަށީގެންވާ ގޮތުގައި ފޯރުކޮށް ނުދެވޭކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ބުނީ، އެ މަރުކަޒުން ފަރުވާ ހޯދަމުން އަންނަ ބަލި މީހުންގެ އަދަދާ އަޅައިބަލާއިރު، ކެއާ ވޯކަރުންގެ އަދަދު މަދުކަމަށެވެ. އެގޮތުން ބަލިމީހުން ބެލެހެއްޓުމަށް ބައެއް ވޯޑުތަކުގައި ޝިފްޓެއްގައި އެކެއް ނުވަތަ ދެ ކެއާ ވޯކަރުން އެކަނި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެޗްއާރްސީއެމުން ވަނީ، މޮނީޓަރިން ޒިޔާރަތުގައި ފާހަގަކުރެވުނު ކަންކަން ޖެންޑާ މިނިސްޓްރީއާއި ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އިސްފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.