މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ކަމާގުޅޭ ޕްރޮގްރާމުތަކެއް ރާވައި ހިންގުމުގެ މަސައްކަތް، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީއާއެކު ފެށުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ތައްޔާރުވެއްޖެއެވެ.
އޭޖީ އޮފީހުން މިއަދު ބުނީ، މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ގާނޫނުން އަލަށް ތައާރަފުކުރާ މަފްހޫމްތަކަށާއި އިޖުރާއަތުތަކަށް އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ކަމާބެހޭ ފަރާތްތައް އަހުލުވެރިކޮށް، އެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލައި، އެ ގާނޫނަށް އަމަލުކުރަން ފެށުމަށްޓަކައި ވާންޖެހޭ އެނޫންވެސް ތައްޔާރީތައް ވުމަށް އޭޖީ އޮފީހުން ގަސްދުކޮށްފައިވަނީ، އަދުލު އިންސާފުގެ ދާއިރާގެ ކަމާބެހޭ ކޯޓުތަކާއި އިދާރާތަކާއި، ގާނޫނީ ވަކީލުންނާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށެވެ.
އެގޮތުން އެ ދާއިރާތައް ތަމްސީލުވާ ގޮތުގެ މަތިން އެކުލަވައިލެވޭ ޓާސްކްފޯސްއެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި ކަމާގުޅޭ މަސައްކަތްތައް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ގަސްދުކޮށްފައިވާ ކަމަށެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނަކީ، ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާ މެދު ގޮތެއް ނިންމުމުގައާއި، ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކޮށްދޭ، ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ވަރަށް ބޭނުންތެރިވެފައިވާ މުހިންމު ގާނޫނެކެވެ.
އެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މަދަނީ އިޖުރާއަތުގެ ބިލު" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށަން ޖެހެނީ ގެޒެޓުގައި ޝާއިކުރަތާ ހަ މަސް ދުވަސް ފަހުންނެވެ.