ދިރާގު މުވައްޒަފުންގެ މެދުގައި ބާއްވާ އަހަރީ ފުޓްސަލް މުބާރާތް "ޑެސްކަޕް 2022" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއަހަރު ބާއްވާފައިވަނީ ޑެސްކަޕް ފުޓްސަލް މުބާރާތުގެ 16 ވަނަ މުބާރާތެވެ. ޑެސްކަޕް ފުޓްސަލް މުބާރާތަކީ 2005 ވަނަ އަހަރުން ފެށިގެން، ދިރާގުގެ މުވައްޒަފުންގެ މެދުގައި ބާއްވަމުން އަންނަ އެމްޕްލޯއީސް ސޮކާ ކަޕެކެވެ. ކުޅިވަރުގެ ރޫހު ދަމަހައްޓައި ދިރާގުގެ މުއައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން ބަދަހިކުރުމަށް ބާއްވަމުން އަންނަ މުބާރާތް މިއަހަރު ބޭއްވީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. އެއީ ކޮވިޑް 19 ގެ ސަބަބުންނެވެ.

މިއަހަރުގެ މުބާރާތް މިމަހުގެ ހަވަނަ ދުވަހުން 16 އަށް ގެންގޮސްފައިވާ އިރު، މުބާރާތް ކުރިއަށް ގެންދިޔައީ ލީގު ސިސްޓަމަށް ތިން ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެ ޑިވިޝަންތަކަކީ މެންސް ޕްރިމިއާ ލީގު، މެންސް ސުޕަ ލީގު އަދި ވިމެންސް ފިއެސްޓާއެވެ.

މެންސް ޕްރިމިއާ ލީގުގެ ފައިނަލުގައި ނެޓްވާކްސް ޔުނައިޓެޑާއި އާރްއޯސީ ވާދަކޮށް، 2-0 އިން މެޗު ކާމިޔާބުކުރީ ނެޓްވާކްސް ޔުނައިޓެޑެވެ. މެންސް ސުޕަ ލީގުގެ ފައިނަލުގައި ރޮކާސް އަދި ފައިނާންޒެޒް ބައްދަލު ކުރި މެޗު، 6-2 އިން ކާމިޔާބުކޮށް އެ ޑިވިޝަންގެ ތަށި ނެގީ ރޮކާސްއެވެ.

ވިމެންސް ފިއެސްޓާގެ ފައިނަލުގައި ސީއެސްސީ ހޯކްސްއާއި ސޭލްސް ފޯސް ވާދަކުރި މެޗު 5-3 އިން ކާމިޔާބުކޮށް، ތަށި ނެގީ ސޭލްސް ފޯސްއެވެ.

މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެވެސް އެންމެ މޮޅު ކުޅުންތެރިންނާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންވެސް ހޮވާފައިވާ އިރު، މުބާރާތުގައި ޖުމުލަ 24 ޓީމަކުން ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން ދެ ޓީމު ރީޖަނަލް ސެންޓަރުތަކުން ބައިވެރިވެފައިވާ އިރު، މުބާރާތުގައި ޖުމުލަ 390 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.