އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްގެ މަގާމަށް އާދަމް ޝާމިލް އަދި ނާއިބު ރައީސްގެ މަގާމަށް އަބްދުއްސަލާމް އައްޔަންކުރައްވައިފިއެވެ.
ކޮމިޝަނުގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވި އާދަމް ޝާމިލަކީ، މީގެ ކުރިން އޭސީސީގައި އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. ނައިބު ރައީސް އަބްދުއްސަލާމް އަކީ އެ ކޮމިޝަންގައި ސީނިއާ އިންވެސްޓިގެޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަންކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޝަނުގެ މެމްބަރުންގެ ޖަލްސާގައި، މެމްބަރުންގެ އިއްތިފާގުންނެވެ.
ޝާމިލް އެންމެ ފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރަކަށެވެ. އޭނާ ވަނީ ގައުމީ ޔުނިވާސިޓީން މާސްޓާސް އޮފް ލޯ ހާސިލުކުރައްވައިފައެވެ. އަބްދުއްސަލާމް ވެސް ވަނީ ގައުމީ ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ ކިޔަވައި ވިދާޅުވެފައެވެ.
އޭސީސީގެ އާ މެމްބަރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ ތާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި، ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު އަދި ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރުއެވެ.
މެމްބަރުކަމަށް އައްޔަންކުރެއްވި ތާހާ އަކީ މީގެ ކުރިން ފުލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެވެ. އޭނާ ވަނީ ގައުމީ ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ ފުރިހަމަކުރައްވައިފައެވެ. އަދި އޭނާ އަކީ ދަ ލިޓިޖެންޓްް އެލްއެލްޕީ ލޯ ފާމުގެ ޕާޓްނަރެކެވެ.
މެމްބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަޒްނާ އެންމެ ފަހުން ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރަކަށެވެ. އޭނާ ވަނީ އަޒްހަރު ޔުނިވާސިޓީން ކޮމާސް އިން ޑިގްރީ ހާސިލުކުރައްވައިފައެވެ. ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ ނިންމެވި ޝިޔާމާ އެންމެ ފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ޑެޕިއުޓީ ޑިރެކްޓަރަކަށެވެ.
އޭސީސީގެ މެމްބަރުކަމުގެ މަގާމުތައް ހުސްވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމުން، އެ ކޮމިޝަންގައި ތިއްބެވި ތިން މެމްބަރަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުފާދެއްވައި، އަމިއްލަ ސަބަބުތަކަކާ ހެދި އޭގެ ކުރިން އިތުރު ދެ މެމްބަރަކު ވަކިވެވަޑައިގެންފައިވާތީއެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ އެންމެ މަތީ ޒިންމާ އޮންނަ އޭސީސީއަށް އާ މެމްބަރުން މިއަދު އައްޔަންކުރީ، އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ ތިން ވަރަކަށް މަސް ފަހުންނެވެ. އޭސީސީއަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ފަސް ނަމަށް މަޖިލީހުން ރުހުން ދިނީ މިދިޔަ ހޯމަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު