ރިޕޯޓް

އެނަމާ ކާރިސާއަށް 18 އަހަރު: އަލީގެ ހަޔާތުގެ ކޮންމެދުވަހެއް ކަނޑުވެ މަރުވި މަންމަގެ ހަނދާންތަކާއެކު

ރިފާ ހަލީލު

"އެދެމޭ އަހަރެންވެސް އިނދެލުމަށް ޖަންނަތުގައި މަންމަގެ އުނގުތެރޭ..." ވަރަށް އަސަރުން ފުރިގެންވާ މާނަފުން ބަސްކޮޅެކެވެ.

ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް މި ފަދަ މާނަ ފުން ބަސްތައް ސޯޝަލް މީޑިއާއަށް އޭނާ ދޫކޮށްލަ އެވެ. ހަމަ އެއް ތާރީހެއްގަ އެވެ. އެކަމަކު މަންމަ ދެކެ ވާ ލޯބި ކޮންމެ ދުވަހަކުވެސް އިތުރުވެ ފުރިގެންދެ އެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްނުލި ނަމަވެސް ހިތުގައި އޮވެ އެވެ. ހަނދާންވާ ކޮންމެ ފަހަރަކު ރޮވެއެވެ. ދެރަވެ އެވެ. ހަނދާން ނުވާ އެންމެ ހިނދުކޮޅެއްވެސް ނުދެ އެވެ. އަބަދު ނުރުއި ކަމުގައިވީނަމަވެސް ހިތުގައި ރިއްސަ އެވެ. ތަދު އިހުސާސް ކުރެވެ އެވެ. މަންމައާއެކީ އެހެން ކުދިން ލޯބިން އުޅޭތަން ފެނުމުން އަސަރުކުރެ އެވެ.

މިއީ މީގެ އަށާރަ އަހަރުކުރިން، 2004 ވަނަ އަހަރު މާޗު މަހުގެ 17 ވަނަ ދުވަހު، މިހާތަނަށް ރާއްޖެ ނުދެކޭފަދަ ބޮޑު ހިތާމަވެރި ކަނޑުމަތީގެ ހާދިސާއެއްގައި މަރުވި 24 މީހުންގެ ތެރޭގައި ހިމެނޭ ހަދީޖާ ހުސައިން (ރެކީފާންދައިތާ)ގެ ދަރިފުޅުގެ ޝުއޫރުތަކެވެ.

ގއ.ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއް ބެލުމަށްފަހު 122 މީހުންނާއެކު ފުރައިގެން ތިނަދުއަށް ދަތުރުކުރި އެނަމާ ބޯޓުގެ އެ ދަތުރަކީ އެތައް ބައެއްގެ ހަޔާތް ބަދަލު ކޮށްލި ހިތާމަވެރި ހާދިސާއެކެވެ. އެނަމާ ބޯޓުގެ ދަތުރު ފެށި އިރު ބޯޓަށް އެއްވެސް މައްސަލައެއް ދިމާވެފައިވާ ކަމަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. ނަމަވެސް ބައިގަޑިއެއްހާއިރު ފަހުން ބޯޓުގެ އިންޖީނު ހުއްޓުނެވެ. އިންޖީނަށް ދިމާވި ކުއްލި މައްސަލަ ބެލުމަށްފަހު ފިލްޓަރު ބަދަލުކޮށް އަނެއްކާވެސް ދަތުރު ފެށިއެވެ. އެރޭ 08:30 ހާއިރު ހުރިހާކަމެއް ބަދަލުވެގެން ދިޔައީ އެނަމާ ބޯޓާ 40 ވަރަކަށް ފޫޓު ދުރުން ދަތުރުކުރި "އަރުތަ" މަސްދޯނީގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ބަންޑުން ޖަހައިލުމުންނެވެ. ނަމަވެސް އެވަރުގެ ރާޅަކުން ބޯޓު ބަންޑުން ޖަހައިލާނެކަމާ މެދު ގިނަ ބަޔަކު އަދިވެސް ސުވާލު އުފައްދައެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލި ހަދިސާގައި 24 މީހުން މަރުވިއެވެ. އަދި މިހާތަނަށް ވެސް ދެމީހަކު ފެނިފައެއް ނުވެއެވެ. އެނަމާ ކާރިސާގައިއެއް އާއިލާއެއްގެ ގިނަ ބަޔަކުވެސް ވަނީ މަރުވެފައެވެ. އެކާރިސާގައި އެއްރަށަކުން އެތައް ބަޔަކު މިދުނިޔެ ދޫކޮށް ދިޔައީއެވެ.

އެތައް ބައެއްގެ މައިންނެވެ. ބައްޕައިންނެވެ. އެތައް ބައެއްގެ ކޮއްކޮއިންނާއި ދައްތައިންނާއި ބޭބެއިންނާއި ބޮޑުދައިތައާއި އާއިލާގެ މެންބަރުންނެވެ. އެއްގެއަކުން އެތައް ބަޔަކު މަރުވި ހިތާމަވެރި ހާދިސާއެކެވެ.

ހަދީޖާ ހުސައިން އަކީވެސް އެ ބޯޓުގައި ވިލިނގިއްޔަށް މެޗު ބަލަން ދިޔަ މީހެކެވެ. މެޗު ބަލަން އެރަށަށް ދެވޭތީ އެ ދުވަހު ހުރީ ވަރަށް އުފަލުން ކަމަށް އޭނާގެ ދަރިފުޅު އަލީ ނަދީމް "ވަން" އަށް މިއަދު ކިޔައިދިނެވެ. އާދަޔާ ހިލާފު އެއްވެސް ކަމެއް މަންމަގެ ފަރާތުން އަލީއަށް އެދުވަހު ފާހަގައެއް ނުކުރެވުނެވެ.

"މަންމަ ބުނީ ސްކޫލަށް ދާށޭ. ސްކޫލުން އައީމައޭ ފުރާނީ، އޭރަށް ގެންދާނަމޭ. އެކަމަކު ސްކޫލުން އައުމުގެ ކުރިން އެ ބޯޓު ފުރައިފި. މަންމަވެސް ދިޔަ، މަންމައާއި އެއްބަނޑު އެހެން މީހަކާ އަދި ބައްޕަ ފަރާތު ހުރި ހަމައެކަނި ބޮޑުދައިތަވެސް ދިޔަ. ބޯޓު ބަންޑުން ޖަހާލިކަން އެނގުނީ އެ ބޯޓުގެ އިންތިޒާރުގަ ޖެޓީގަ ހުއްޓާ. ދެން އަވަހަށް ގެއަށް ގޮސް ދޮންތަ ގާތު ބުނީމަ ދޮންތަ ބުނީ މަންމަ ރަނގަޅޭ. ނިދަން ދާށޭ. އުމުރުން ވަރަށް ކުޑަވީމަ މާލަސް ގަޑީގަ އެކަނި ބޭރަކަށް ނުދެވޭނެ. ދެން އަވަހަށް ނިދީ." އޭރު އުމުރުން 14 އަހަރުގެ އަލީ އެ ދުވަހުގެ ހަނދާންތައް ވަންއާ ހިއްސާ ކރަމުން ބުންޏެވެ.

އަލީއަށް ހޭލެވުނީ ފަތިހު އެވެ. ދޮންތަ ގާތު މަންމަ ކޮބާހޭ މަންމަ ރަނގަޅުހޭ ސުވާލު ކުރުމުން މަންމަ އޮތީ ހޮސްޕިޓަލުގައޭ ހާލު ރަނގަޅޭ ބުނީ މަންމަ މަރުވި ކަން ކުއްލިއަކަށް އަލީ ގާތު ނުބުނަން ކަމަށްވެދާނެ އެވެ. އެކަމަކު އަވަހަށް މަންމަ ދެކިލުމަށް ހޮސްޕިޓަލަށް ދިޔުމުން އެވަގުތު އެތަނުގައި ހުރި މީހަކު މިއޮތީ މަންމައޭ ބުނެ މަންމަގެ މަރުވެފައިވާ ހަށިގަނޑު ދެއްކި އަލީ އޭނާ ބުންޏެވެ. އަދި އެވަގުތު ވީގޮތް ބުނެދޭން ނޭނގޭ ކަމަށްވެސް ބުންޏެވެ.

އެ އުމުރަކީ މަންމައާއެކު އެކި ކަންކަމުގައި އުޅޭ އުމުރަށް ވުމުން މަންމަގެ ވަކިވުމާއެކު އަލީ ވަރަށް ބޮޑަށް މާޔޫސްވި އެވެ. މަންމައެއްގެ ޒިންމާ ދޮންތަ އެންމެ ފުރިހަމަ ގޮތުގައި އަދާކުރި ނަމަވެސް އެހެން ކުދިން މަންމައާއެކު އުޅޭތަން ފެނުމުން ދެރަވާ ކަމަށާއި އެކަމާ ބައެއް ފަހަރު ރޮވޭ ކަމަށްވެސް ބުންޏެވެ.

"އޭރު ހާއްސަ މީހަކު މަރުވެއްޖެއްޔާ ރޭޑިއޯއިން ގޮވާނެ، ގައުމީ ދިދަ ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކޮށްފަ ބަހައްޓަން ނިންމައިފިއޭ. އަހަރެން މަރުވީމަވެސް ގައިމު އެގޮތަށް ބައިދަނޑިއަށް ދިދަ ތިރިކޮށްފަ ރައީސްވެސް އަހަރެންގެ ގެޔަށް ޒިޔާރަތްކޮށް މޫނުބަލައި ހަދަން އަންނާނެ ނަމައޭ މަންމަ ބުނާނެ. ވަރަށް ގިނަ ރައްޓެހިން ގާތުވެސް އެހެން ބުނޭ. އެމީހުން މިހާރުވެސް އެވާހަކަ ދައްކާ." އޭނާ ބުންޏެވެ.

ކަން ދިމާކުރީވެސް އަލީގެ މަންމަ ވާހަކަދެއްކި ގޮތަށެވެ. މިހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ ގައުމީ ދިދަ ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކޮށްފަ އެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވަނީ އެ ހާދިސާގައި މަރުވި މީހުންގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، ސަލާމަތްވި މީހުންގެ ހާލުވެސް ބައްލަވައިފަ އެވެ.

އަލީ ކިޔައިދިން ގޮތުގައި މަންމައާއެކު އާއިލާގެ އިތުރު ތިން މީހަކުވެސް ވަކިވެގެންދިޔަ އެވެ. އެއީ މަންމައާއި އެއްބަނޑު އެއްބަފާ ބޮޑުދައިތައާއި ބައްޕަ ފަރާތު ބޮޑުދައިތައާއި އާއިލާގެ އިތުރު މެންބަރެކެވެ. މަންމަގެ މި ވަކިވުމަކީ ދުވަހަކުވެސް ހިތުންފިލައިގެންދާނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އެނަމާ ކާރިސާއަށް 18 އަހަރު މިއަދު ފުރުނު އިރު އެ ހާދިސާގެ ހަނދާންތައް ހިތުން ފިލައިގެން ނުދާ އެކަމުގައި ނަފުސާނީ ބަލީގެ ޝިކާރައަކަށްވެފައި ތިބި އެތައް ބަޔަކު މިއަދުވެސް އެބަތިއްބެވެ. އޭގެ ފަހުން ކަނޑުމައްޗަށް އަރަން ނުކެރޭ އެތައް ބަޔަކުވެސް އެބަތިއްބެވެ.