އެމެރިކާގެ މޭޖާ ލީގު ބޭސްބޯލް ޓީމެއް ކަމަށްވާ ޗީކާގޯ ކަބްސްގެ ވެރިން ކަމަށްވާ އެމެރިކާގެ ރިކެޓްސް އާއިލާއިން ޗެލްސީ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ޗެލްސީ ގަތުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ހުކުރު ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ އިރު، ކްލަބު ގަތުމަށް 200 އަށްވުރެ ގިނަ ވިޔަފާރިވެރިން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އޭގެ ތެރެއިން ރަސްމީކޮށް ބިޑް ހުށަހަޅަން ތައްޔާރުވެފައިވަނީ 20 ފަރާތަކުން ކަމަށް ބެލެވެއެވެ.
ޗެލްސީ ގަތުމަށް ޝައުގެވެރިކަން ފާޅުކުރަމުންދާ ބައެއް ފަރާތްތަކުން ޖޮއިންޓް ބިޑުތަކަށް ތައްޔާރުވަމުންވެސް ދާ އިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ރިކެޓްސް އާއިލާއިން ކުރާ ބިޑަކީވެސް އެމެރިކާގެ ހެޖް ފަންޑް ވިޔަފާރީގައި މަސައްކަތްކުރާ ކެން ގްރިފިންއާ އެކުވެގެން ކުރާނެ ބިޑެކެވެ.
ޗެލްސީ ގަތުމަށް ޝައުގުވެރިވާ ކަމަށް ރިކެޓްސް އާއިލާއިން ބުނެފައިވަނީ މިއަދުއެވެ. އެ އާއިލާއިން ރަސްމީކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިޑުގެ ތަފުސީލު މާދަމާ ހާމަކުރާނެ ކަމަށާއި ހުކުރު ދުވަހު ރަސްމީކޮށް ބިޑެއް ހުށަހަޅާނެ ކަމަށެވެ.
"ދިގު މުއްދަތަކަށް ކުޅިވަރުގެ ނަން ހިނގާ ޓީމެއް އޮޕަރޭޓް ކުރަމުން އައި ރިކެޓްސް އާއިލާއާއި އެ އާއިލާއާއެކު އިންވެސްޓް ކުރާ ޕާޓްނަރުންނަށް ކްލަބުތަކަށް އިންވެސްޓް ކުރުމުގެ މުހިއްމު ކަން އެނގޭ. ކްލަބުގެ ސަގާފަތް ގެއްލުވާ ނުލައި، ކްލަބުގެ ސަޕޯޓަރުންނާއި ކްލަބުގެ އިޖުތިމާއީ ކަންކަމަށްވެސް އިސްކަން ދީގެން ކްލަބު ހިންގަން ތައްޔާރު،" ބަޔާނުގައިވެއެވެ.
ހަބަރުތަކުން ބުނެފައިވާ ގޮތުގައި ރިކެޓްސް އާއިލާގެ ބިޑަކީ މިހާތަނަށް ޗެލްސީ ގަތުމަށް ހުށަހެޅޭނެ އެންމެ އެކަށޭނެ ބިޑެވެ. 2009 ވަނަ އަހަރުން ފެށިގެން ޗިކާގޯ ކަބްސްގެ މެޖޯރިޓީ ހިއްސާ އޮންނަ ރިކެޓްސް އާއިލާއިން 2018 ވަނަ އަހަރުވެސް ޗެލްސީ ގަންނަން މަސައްކަތް ކޮށްފައިވެއެވެ.
ރިކެޓްސް އާއިލާއިން ކަބްސް ހިންގުމުގައި ކާމިޔާބު ވިސްނުންތަކެއް ގެންގުޅެފައިވެއެވެ. އެ ކްލަބުގެ ރިގްލޭ ފީލްޑް ސްޓޭޑިއަމް އަލުން ހަދައި، ކްލަބަށް ކާމިޔާބީ ހޯދަން ބުރަކޮށް މަސައްކަތް ކޮށްފައިވާ އިރު، ކަބްސްއިން ވަނީ 2016 ވަނަ އަހަރު ވޯލްޑް ސީރީސް ކާމިޔާބުކޮށްފައެވެ. ކަބްސްއިން 2016 ވަނަ އަހަރު ހޯދި ވޯލްޑް ސީރީސް ތަށްޓަކީ 2018 އަހަރުގެ އިންތިޒާރަކަށްފަހު ހޯދި ކާމިޔާބީއެކެވެ. އެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ރިކެޓްސް އާއިލާގެ ފަރާތުން ބޯޑުގެ ޗެއާމަންކަން ކުރި ތޯމަސް އެސް ރިކެޓްސްގެއެވެ.
އެމެރިކާގެ ޓީވީ ނެޓްވޯކް ސީއެސްއެންގެ 25 ޕަސެންޓް ހިއްސާ އޮންނަ ރިކެޓްސް އާއިލާގެ މިލްކިއްޔާތުގައި 4.5 ބިލިއަން ޕައުންޑް އެބަހުރި ކަމަށް ފޯބްސްއިން ވަނީ ރިޕޯޓުކޮށްފައެވެ.
ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ކުރިމަތިވާ ފިއްތުންތަކުގެ ސަބަބުން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އެ ކްލަބު ވިއްކާލަން އިއުލާން ކުރީ މިމަހުގެ ކުރީކޮޅުގައެވެ. އަބްރަމޮވިޗް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަބަދުވެސް ނިންމުންތައް ނިންމަނީ ކްލަބުގެ ހެވާއި ލާބަ އާއި މަންފާއަށް ކަމަށާއި މިވަގުތު ކްލަބުގެ ސްޓާފުންނާއި ކުޅުންތެރިންނަށްވެސް އެންމެ ރަނގަޅު ގޮތަކީ ކްލަބު ވިއްކާލުން ކަމަށް ދެކޭ ކަމަށެވެ.
ޗެލްސީ ވިއްކާލާނެ ކަމަށް އިއުލާންކޮށް އަބްރަމޮވިޗް އެކަމަށް މަސައްކަތް ކުރަމުން ދަނިކޮށް، އިނގިރޭސި ސަރުކާރުން ވަނީ އިނގިރޭސިވިލާތުގައި ހިންގަމުންދާ އަބްރަމޮވިޗްގެ ހުރިހާ އެސެޓްތަކެއް ފްރީޒް ކޮށްފައެވެ. އޭގެ ސަބަބުން ޗެލްސީވެސް ހުއްޓުމަކާ ދިމާލަށް ގޮސް، ކްލަބު ވިއްކާލުމުގެ ކަންތައްވެސް މަޑު ޖެހުނީއެވެ. އެހެން ނަމަވެސް ސަރުކާރުގެވެސް އެހީއާއެކު މި މަސް ތެރޭ ޗެލްސީ ވިއްކާލެވޭނެ ކަމަށް މިހާރު ބެލެވެއެވެ.
ޗިކާގޯ ކަބްސްގެ ވެރިޔާގެ އިތުރުން ޗެލްސީ ގަތުމަށް އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ސައުދީ މީޑިއާ ކޮމްޕެނީއާއި އިނގިރޭސި ވިޔަފާރި ވެރިޔާ ނިކް ކޭންޑީއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ކޭންޑީ ހުށަހަޅަން ތައްޔާރުވަނީ ޖޮއިންޓް ބިޑެކެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ