ތައިލެންޑުގައި އިއްޔެ ފެށި އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕްގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި އޮމާން ކައިރިން ކައިރިން 7-4 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެއެވެ.
ބެންކޮކްގެ ޝޯ ޑީސީ އިންޑޯ ކޮމްޕްލެކްސްގައި މިއަދު ކުޅުނު މެޗަކީ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗެވެ. މިއަދުގެ މެޗަކީ ގްރޫޕް ސްޓޭޖުގައިވެސް ގައުމީ ފުޓްސަލް ޓީމުން ކުޅުނު ދެވަނަ މެޗެވެ. ދެ މެޗުންވެސް ރާއްޖެ ބަލިވެގެން މުބާރާތުން ކެޓި ނަމަވެސް، ކުޅުންތެރިންނަށް މި ދެ މެޗުވެސް ވެގެންދާނީ ރަނގަޅު ތަޖުރިބާއަކަށެވެ.
މި ފަހަރުގެ މުބާރާތަށް ގޮސް ރާއްޖޭގެ ޓީމަށް އިންޑޯ ފުޓްސަލް ދަނޑެއްގެ ތަޖުރިބާ ކޮށްލަން ފުރުސަތު ލިބިފައިވާ އިރު، ރާއްޖޭގައި އެފަދަ ދަނޑެއް ނެތުމުން ކުޅުންތެރިންނަށް އުނދަގޫތަކާ ދިމާވެފައިވެއެވެ. ޓާފް ދަނޑުގައި ގިނައިން ކުޅޭ ކުޅުންތެރިންނަށް އިންޑޯ ދަނޑުގައި އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، ކުޅުނު ދެ މެޗުގައިވެސް އެ މަންޒަރު ފެނިފައިވެއެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އޮމާން ފެނުނީ ވަރުގަދަ ކޮށެވެ. ރަނގަޅު މޫވްތަކަކާއެކު އެޓީމުން ފުރަތަމަ ހާފުގައި ތިން ގޯލު ޖެހިއެވެ. އޮމާންގެ ގޯލުތައް ޖަހައިދިނީ އަލް ހަބްސީއާއި އަލް ސަމްސީއެވެ. ހަބްސީ ވަނީ އެ ހާފުގައި ދެ ގޯލު ޖަހައިފައެވެ.
ރާއްޖެއިން ދެވަނަ ހާފަށް ނުކުމެ ޕްރެސްކޮށްގެން ކުރިއަށް ޖެހުނު އިރު، ހަތަރު ގޯލު ޖަހިއެވެ. އެހެން ނަމަވެސް އޮމާންގެ އެޓޭކް ހުއްޓުވުން ވެގެން ދިޔައީ އުނދަގޫ ކަމަކަށެވެ. ދެވަނަ ހާފުގައި އޮމާންގެ ގޯލުތައް ޖެހީ އަލްލަވާތީއާއި އަލްޝިބިލީގެ އިތުރުން އަލް ސަމްސީއާއި އަލްބާލޫސީއެވެ. ރާއްޖޭގެ ދެ ގޯލު އަލީ ހާފިޒު (ހާއްޕެ) ޖަހައިދިން އިރު، އަނެއް ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ އަލްލަވާތީ އަތުން ބައިކޮޅަށް ވަން ގޯލެވެ. ރާއްޖޭގެ ހަތަރުވަނަ ގޯލު ޖެހީ އިޝާން އިބްރާހީމް (ސައްޓު)އެވެ.
ގައުމީ ފުޓްސަލް ޓީމު ތައިލެންޑް މުބާރާތުގައި ބައިވެރިވެފައިވަނީ އަންނަ މަހު ކުޅެން އޮތް އޭއެފްސީ ފުޓްސަލް ކަޕް ކޮލިފައިންގައި ވާދަކުރުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިންނެވެ. ތައިލެންޑް މުބާރާތަކީ ހަ ގައުމެއް ދެ ގްރޫޕަކަށް ބަހައިގެން ކުރިއަށްދާ މުބާރާތެކެވެ. ތައިލެންޑުގައި ބާއްވާ މި މުބާރާތުގައި ތައިިލެންޑާއި ރާއްޖޭގެ އިތުރުން ގްރޫޕް އޭގައި ދެން ހިމެނެނީ އޮމާނެވެ. ގްރޫޕް ބީގައި އޮތީ އީރާން، މިޔަންމާ އަދި މޮންގޯލިއާއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް