ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަކަށް މިއަދު އައްޔަނުކުރެއްވީ، އދ.މާމިގިލި، ރަންގިރިޓީގެ އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ) އެވެ.
އިބޫއަކީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ނައިބުގެ މަގާމާއި މެދު އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމާއި ޕްރައިވެޓް ސެކްޓާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.
މި ސަރުކާރުން 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޖީއެމްއައިޒެޑްއެލް، ހައުސިން ޑިވެލޮޕްމަންޓް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެއްކޮށްލުމުގެ ކުރިން ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އިބޫއެވެ. އޭރު ޖީއެމްއައިޒެޑްއެލްގެ ބޯޑު މެންބަރުންގެ މެދުގައި މައްސަލަތަކެއް ވެސް ވަނީ އުފަދިފައެވެ. އެދުވަސްވަރު އިބޫއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ކޮށްފައިވާ އިރު، އޭނާ ވިދާޅުވެފައިވަނީ މައްސަލައަކަށް ބޮޑުވީ ކުންފުނީގެ ހިންގުމުގެ ތެރެއަށް ބޯޑު މެންބަރުން ވަންނަން ބޭނުންވި ހިސާބުން ކަމަށެވެ.
އެކަމާ ގުޅޭގޮތުން އޭރު ރައީސް އޮފީހުން ބުނެފައިވަނީ އިބޫގެ ކޮރަޕްޝަންގެ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ވެސް ކުރިއަށް ގޮސްފައެއް ނުވެއެވެ.
އިބޫ ވަނީ އިނގިރޭސިވިލާތުގެ ބޯލްޓަން ޔުނިވާސިޓީން އެމްބީއޭ ހާސިލުކުރައްވައިފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިބޫ އައްޔަނުކުރެއްވި އިރު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ބޭފުޅަކު އަދި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިން ބޭފުޅަކު މިހާރުވެސް އެބަތިއްބެވިއެވެ.
ޚަބަރު
ޚަބަރު