ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފުހާމު (ޕެސްޓު) ބޭސްފަރުވާގެ ކަންކަން ނިމެންދެން ގޭ ބަންދަށް ބަދަލުކުރަން ކުރިމިނަލް ކޯޓުންކުރި އަމުރު ބާތިލުކޮށް އޭނާ ޖަލުގައި ބަންދު ކުރަން ހައިކޯޓުން އަމުރު ކޮށްފިއެވެ.
ގޭ ބަންދަށް ބަދަލުކުރަން ކުރިމިނަލް ކޯޓުންކުރި އަމުރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ގައިކޯޓުގައި އިސްތިއުނާފު ކުރީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެމައްސަލަ ނިންމައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، އޭނާ އަލުން ޖަލުގައި ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ބޭސްފަރުވާއާ ގުޅޭ ގޮތުން ކުރިމިނަލް ކޯޓުގައި އޭނާ ކުރި ޝަކުވާތަކަށް ބެލިކަމަށް އެ ކޯޓުގެ އަމުރުގައި އޮތް ނަމަވެސް އެކަމުގެ ތަފްސީލު އެ ކޯޓުގެ ނިންމުމުން އެނގެން ނެތް ކަމަށެވެ. އަދި ބޭސްފަރުވާއަށް އޭނާ ދޫކޮށްލިއިރު ރިޔާއަތް ކުރި ކަންކަން ދަށު ކޯޓުގެ އަމުރުގައި ފާހަގަކޮށްފައި ނެތް ކަމަށްވެސް ހައިކޯޓުންް ފާހަގަ ކޮށްފައިވެއެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އާއި، އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަލީ ސަމީރެވެ.
ޕެސްޓު ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ފުލުހުން، މަސްތުވާތަކެއްޗާ ދެކޮޅަށް މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގައި ޕެސްޓުގެ އިތުރުން ހަތަރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެއީ ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝަމްއޫން (30އ) އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަހްމަދު ހުސާމް (26އ) އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުޢައިދު (23އ) އަދި ކ. މާލެ/މއ. މަލިކުރުވާގެ، އަބްދުﷲ ސާޖިއު ހަސަން (23އ) އެވެ.
އެ ހަތަރު މީހުން އަދިވެސް ތިބީ ބަންދުގައެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު