ސިއްހަތު

މިއަހަރު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުވެއްޖެ

މުހައްމަދު ޖަމްޝަތް ވަހީދު

މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު ބަޔާންކޮށް އެ އޭޖެންސީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައެވެ.

އެޗްޕީއޭއިން ބުނީ މިދަޔަ އަހަރާއި އަޅައި ބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވީ ނަމަވެސް މިދިޔަ ޖެނުއަރީ މަހާއި އަޅައިބަލާއިރު ފެބުރުއަރީ މަހު އެ އަދަދުތައް ދަށް ވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހާ އަޅައި ބަލާއިރު ފެބުރުއަރީ މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ވެސް މަދުވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މި ނޫސްބަޔާނާއެކު އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަރިދަފުސް ރޯގާގެ 25،554 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު ހުރީ 16،125 ގަ އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭރަށް ހިންގުމުގެ 9،495 މައްސަލަ ރިޕޯޓުކޮށްފައިވާ އިރު މިދިޔަ މަހު އެ އަދަދު ވަނީ 2،739 އަށް ދަށްވެފައެވެ.

ފެބްރުއަރީ މަހުގެ އަދަދުތައް މަދު ނަމަވެސް އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުމުގެ ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަކީ މުހިއްމުކަމެއް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރާއި އަޅައިބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ހުރީ ދާދި އެއްވަރެއްގައި ކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެޗްޕީއޭއިން ބުނީ މި ދުވަސްވަރު މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކަމުގައި ވީނަމަވެސް ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި ވައިރަލް ހުން، ފާނަ ބަސަންދު އަދި ލޮލުރޯގާ ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައި ނުވާ ކަމަށްވެސް އެޗްޕީއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.