ރައްޔިތުންގެ މަޖިލިހާއި ހާއްސަ މަޖިލިސްގެ މެންބަރުކަން ކުރައްވާފައިވާ، އަދި ގިނަ ދުވަސްތަކެއްވަންދެން ދައުލަތަށް ހިުދމަތް ކުރެއްވި، އަބްދުއްރަޝީދު އަލީގެ ހަނދާނުގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސުކޫތެއް ގެނެސްފިއެވެ.

އަބްދުއްރަޝީދާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ހަތަރު ދައުރެއްގައި އޭނާ މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، 23 ފެބްރުއަރީ 1980 އިން 22 ފެބްރުއަރީ 1980 ގެ ނިޔަލަށް، އަދި 26 ފެބްރުއަރީ 1995 އިން 27 މެއި 2009ގެ ނިޔަލަށް މެންބަރުކަން ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ މެންބަރުކަން ކުރެއްވި ދާއިރާތަކުގެ ތެރޭގައި، އ. އަތޮޅޮގެ ގޮނޑީގެ އިތުރުން، މީގެކުރިން އަމަލުކުރަމުން އައި ނޫ ގާނޫނުއަސާސީގެ ދަށުން އަރިއަތޮޅު ދެބުރި ކުރިފަހުން، އދ.އަތޮޅުގެ މެންބަރުކަން ކުރައްވާފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އަބްދުއްރަޝީދު ވަނީ ރައްޔިތުންގެ މަޖިލިހުގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބައްޕަ އަބްދުއްރަޝީދު އިއްޔެ ހެނދުނުގެ ވަގުތެއްގައި އަވަހާރަވީ، އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އަވަހާރަވީއިރު، އުމުރަކީ 75 އަހަރެވެ.

މަޖިލިސް މެންބަރުކަމުގެ އިތުރުން އަބްދުއްރަޝީދު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރަށް ހިދުމަތް ކުރައްވައިފައެވެ. އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ކަމާއި ފުލުސް ކޯޓުގެ ފުރަތަމަ އިސް ގާޒީ ކަމާއި ޕްރިޒްންސް ޑިވިޝަންގެ އިސްވެރިޔާގެ މަގާމުގެ އިތުރުން މާފަންނު އަވަށު އޮފީހުގެ އިސްވެރިޔާގެ މަގާމު ހިމެނެއެވެ. އަދި އޭނާއަކީ އަހުމަދިއްޔާ ސްކޫލްގެ ފުރަތަމަ ޕްރިންސިޕަލެވެ.

އަބްދުއްރަޝީދު އަވަހާރަވިއިރު ފިރިހެން ހަތަރު ބޭފުޅަކާއި އަންހެން ތިން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.