އެއާޕޯޓުގައި ހިނގައިފާނެ ކުއްލި ހާލަތަކަށް ތާއްޔާރުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ގަވާއިދުން ބާއްވާ ފުލްސްކޭލް އެމަަޖެންސީ އެކްސަސައިޒް، މާދަމާ ހަވީރު ކުރިއަށްގެންދަން ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ގުޅިގެން ކުރިއަށްގެންދާ، ރާއްޖޭގެ އެވިއޭޝަން ދާއިރާގައި ބޭއްވޭ އެންމެ ބޮޑު މި ހަރަކާތުގައި އެކި ދާއިރާތަކުން 400 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށެވެ.
ކޮންމެ ދެ އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ މި ހަރަކާތަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) އިން ލާޒިމުކުރާ ހަރަކާތެކެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޓަރުގެ ހައިސިއްޔަތުން އެމްއޭސީއެލުން އޭރޮޑްރޯމްގައި އެއާކްރާފްޓް އޮޕަރޭޓް ކުރުމުގައި އެމްސީއޭއޭ އަދި އައިކާއޯގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރިކަން ކަށަވަރުކޮށް ދެނެގަތުން ލާޒިމުކުރެއެވެ.
އެއާޕޯޓް ފުލްސްކޭލް އެމަަޖެންސީ އެކްސަސައިޒްގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާސް އާއި، މި ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.
މީގެ އިތުރުން އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ކަމާގުޅޭ އެހެން މުއައްސަސާތަކުގެ މެދުގައި ގުޅުން އޮންނަ މިންވަރުވެސް ވަޒަންކުރެވޭނެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެހީތެރިވާނެ އިދާރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ކެޝުއަލްޓީ މެނޭޖްމެންޓް ކެޕޭސިޓީ އަމިއްލައަށް ވަޒަންކޮށްލަން ލިބޭނެ ފުރުސަތަކަށް މި ހަރަކާތް ވެގެންދާނެއެވެ.
އެމްއޭސީއެލުން ބުނީ މާދަމާ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ހަރަކާތް ކުރިއަށްގެންދާ އިރު، ހަވީރު 4:00 އިން 6:00 އަށް އެއާޕޯޓުގެ ރަންވޭގެ އޮޕަރޭޝަން އެއްކޮށް މަޑުޖައްސާލާނެ ކަމަށާއި ނަމަވެސް ބައިނަލްއަގުވާމީ އުދުހުންތަކުގެ ޗެކިން އަދި ސީޕްލޭން އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.
މި ހަރަކާތުގައި އެއާޕޯޓުގެ އެކި ދާއިރާތަކުގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭގޮތުން 30 އިދާރާއަކުން ބައިވެރިވާނެ ކަމަށާއި މި ހުރިހާ މުއައްސަސާތަކުގެ އިމަޖެންސީ ޕްލޭން ހަރަކާތްތެރި ކުރެވިގެންދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ މާދަމާ ފަށާ އެއާޕޯޓް ފުލްސްކޭލް އެމަޖެންސީ އެކްސަސައިޒްގެ ރަސްމީ އެއާލައިންގެ ގޮތުގައި އެމިރޭޓްސް އެއާލައިން ބައިވެރިވާނެ ކަމަށާއި ހަރަކާތް ކުރިއަށްގެންދާ އިރު، އެމިރޭޓްސްގެ ސޭފްޓީ އޮޕަރޭޝަން ޕްލޭން ހަރަކާތްތެރިކޮށް އެއާޕޯޓުގެ އެމަޖެންސީ ސާވިސަސްއާއެކު ބައިވެވެރިވާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތެއްގައި ބައިނަލްއަގުވާމީ އެއާލައިނަކުން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށް އެމްއޭސީއެލުން ބުނެއެވެ.