ޔުކްރެއިން

ދުނިޔޭގެތާރީޚު: ޔުކްރޭނުގެ ހަނގުރާމަޔާއެކު އައުވެގެން އަންނަ ޗެނޮބީލްގެ ބިރުވެރި ހަނދާންތައް!

އިމާދު ލަތީފު

ރަޝިޔާ އާއި ޔުކްރޭނުގެ ހަނގުރާމަ ކުރިޔަށްދާއިރު މީގެ 36 އަހަރު ކުރިން ހިނގާފައިވާ ވަރަށް ނުރައްކާތެރި ވަރަށް ހިތާމަވެރި ހާދިސާއެއްގެ ހަނދާންތައް ވަނީ އަނެއްކާވެސް ތާޒާވެފައެވެ. އިވޭންފެށި ނަމެއްގެ ސަބަބުންނެވެ. އެތަނެއްގެ ކޮންޓްރޯލް އަތުލުމަށްޓަކައި ހަމަލާތަކެއް ބަދަލުކުރެވެމުންދާ ތަނެއްގެ ސަބަބުންނެވެ. އެތަނަކީ ޔުކްރޭނުގެ އުތުރުގައިވާ ޗެނޮބީލް ނިއުކުލިއަރ އިންޖީނުގެއެވެ. އެއީ ދުނިޔޭގެ ތާރީޚުގައިވެސް މިހާތަނަށް ހިނގާފައިވާ އެންމެ ނުރައްކާތެރި އެންމެ ބިރުވެރި އެންމެ ބޮޑު ނިއުކުލިއަރ އެކްސިޑެންޓް ހިނގާފައިވާ ތަނެވެ. އެހެންވީމާ ޗެނޮބީލް ނިއުކުލިއަރ އެކްސިޑެންޓަކީ ކިހައިވަރެއްގެ ހާދިސާއެއްކަމާއި އެކަން ހިނގީ ކީއްވެގެންކަމުގެ މައްޗަށް އަނެއްކާވެސް ބަލައިލުމަކީ ބޭނުންތެރި ކަމެއް ކަމުގައި ފެނެއެވެ.

ތާރީޚަކީ 1986 ވަނަ އަހަރުގެ އެޕްރީލް މަހުގެ ސައްބީސް ވަނަ ދުވަހެވެ. ވަގުތަކީ ފަތިހުގެ ހަމަހިމޭން ވަގުތެވެ. ޗެނޮބީލްގެ ހަތަރު ވަނަ ރިއެކްޓަރުގައި ކުއްލި ގޮވުމެއް ގޮވީއެވެ. އެއާ ވިއްދައިގެން ދެވަނަ ގޮވުމެއްވެސް ގޮވީއެވެ. މި ދެގޮވުމާއެކު ބޭރުވެގެންދިޔަ ރޭޑިއޭޝަނުގެ ވިހައިގެ މިންވަރު 1945 ވަނަ އަހަރު އެމެރިކާއިން ޖަޕާނުގެ ހިރޮޝީމާއަށް ވައްޓައިލި ނިއުކުލިއަރ ބޮމާއެކު ފެތުރިގެންދިޔަ ރޭޑިއޭޝަނަށްވުރެ ހަތަރުސަތޭކަ ގުނަ އިތުރެވެ. މި ގޮވުންތަކާ ގުޅިގެން ޔުނިޓް ހަތަރެއްގައި ތިބި ދެ މީހަކު ވަގުތުން މަރުވިއެވެ. ޖެހިގެން އައި ހަތަރު މަހުގެ ތެރޭގައި އިތުރު 29 މީހުން ރޭޑިއޭޝަނުގެ ސަބަބުން މަރުވިއެވެ. ޗެނޮބީލް ހާދިސާގެ ސީދާ އަސަރުތަކާއި ނުސީދާ އަސަރުތަކުގެ ސަބަބުން އަދިވެސް މީހުން މަރުވަމުން ދަނީއެވެ. އެހެންވީމާ ހަގީގީ އަދަދު ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ޔުނިޓް ހަތަރެއްގައި ފެތުރުނު އަލިފާންގަނޑު ހަ ގަޑިއިރު ތެރޭގައި ނިއްވައިލެވުނެވެ. ނުވަތަ ކޮންޓްރޯލް ކުރެވުނެވެ. ތަހުގީގީ ރިޕޯޓުތަކުން އެނގޭ ގޮތުގައި މިހާދިސާ ހިނގުމަށް މެދުވެރިވީ މައިގަނޑު ދެ ސަބަބަކާ ހެދިއެވެ. އެއްސަބަބަކީ ރިއެކްޓަރު ފަރުމާކުރުމުގައި ވެވިފައިވާ އިހުމާލެކެވެ. އަނެއްސަބަބަކީ ރިއެކްޓަރު އޮޕަރޭޓްކުރުމުގައި މުވައްޒަފެެއް ނުވަތަ މުވައްޒަފުންތަކެއްގެ އިހުމާލެވެ. އަލިފާންގަނޑު ނިއްވައިލެވުނު ކަމަށްވިޔަސް އޭގެ ދެ ހަފުތާ ފަހުންވެސް ޔުނިޓް ހަތަރެެއްގެ ރިއެކްޓަރު ދިޔައީ ވިރެމުން ފައިބަމުންނެވެ. އޭގެ އަޑީގައި އޮތީ ރިއެކްޓަރު ފިނިކުރުމުގެ ބޭނުމުގައި ގާއިމުކުރެވިފައިވާ ބޮޑު ފެންގަނޑެކެވެ. ޕޫލެކެވެ. ވިރިގެން ފައިބަމުންދިޔަ ރޭޑިއޯއެކްޓިވް ދިޔާ މައުދަން ޖެހެމުން ގާތްވަމުންދިޔައީ އެެއްކަލަ ފެންގަނޑާއެވެ.

މިކަން ވެގެންދިޔައީ ވަކިން ބޮޑު ބިރުވެރިކަމަކަށެވެ. ފެންގަނޑު ހިންދައިނުލެވުނީވިއްޔާ ދެން އެންމެ އަވަހަށް އޮތީ ކުރިއަށްވުރެ މާވަރުގަދަ ގޮވުމެއް ނުވަތަ ގޮވުންތަކެކެވެ. އަނެއް ތިން ރިއެކްޓަރާއެކު މުޅި އިންޖީނުގެވެސް ގޮވާނެއެވެ. އެހެންވެއްޖެނަމަ އެތައް ސަތޭކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ރޭޑިއޭޝަނުގެ ވިހަ ބޭރުވެ ޔޫރަޕުގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަނޫން ސަރަހައްދެއް އިންސާނުންނަށް ދިރިނޫޅެވޭ މިންވަރަށް ވިހަވެގެންދާނެއެވެ. މުޅި ޔުކްރޭނާއި ރަޝިޔާގެ ބޮޑުބައެއް ފަޅުވެގެންދާނެއެވެ. އެވިހައިގެ އަސަރު މަދުވެގެން ފަސްލައްކަ އަހަރަށް ދެމިގެންދާނެއެވެ. މިކާރިސާ ހުއްޓުވެން އޮތީ އެންމެ ގޮތެކެވެ. އެގޮތަކީ ވީހާވެސް އަވަހަށް ފެންގަނޑު ހިންދައިލުމެވެ. ކުރަން ފަސޭހަ ނޫންކަމަކީ އެއީއެވެ. އެއީ ކުރެވޭނެ ކަމުގެ ޔަގީންކަމެއްވެސް ނެތް މަސައްކަތެކެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ ޔުނިޓް ހަތަރެއްގެ ގޮވުންތަކުގެ ސަބަބުން ބޭސްމަންޓުގައި ވެސް ފެންބޮޑުވެފައި އޮތުމާއި ރޭޑިއޭޝަނުގެ ސަބަބުން އެ ފެންގަނޑުވެސް ވިހަވެފައި އޮތުމެވެ. އަނދިރިކަން ފެތުރިފައިއޮތުމާއި ސާރޗްލައިޓްގެ އެހީގައިވެސް ވޭލްތައް ހޯދަން ފަސޭހަ ނުވުމެވެ. ކިޔާ މީހުން ކިޔަނީ މިހެންނެވެ. ލިޔާ މީހުން ލިޔަނީވެސް މިހެންނެވެ. މުވައްޒަފުންގެ ތެރެއިން ތިން މީހަކު އަމިއްލައަށް މަރުވާން އެއްބަސްވެގެން ޑައިވިންސޫޓް ލައިގެން ބޭސްމަންޓަށް ފޭބީއެވެ. އެމީހުންގެ އާއިލާތައް ދާއިމަށް ބަލަހައްޓައިދޭން ސޯވިއެޓް ސަރުކާރުން އެއްބަސްވީއެވެ. އެ ތިންމީހުން އެތައް ވަރަކުން ފީނައި ބަލައި ހާވަމުންދަނިކޮށް ވޭލްތައް ފެނިގެން އެ ވޭލްތައް ހުޅުވައިލީއެވެ. އިސާހިތަކު މަދު މިނިޓްކޮޅެއްގެ ތެރޭގައި ފެންގަނޑު ފައިބައިގެންދިޔަ ތާކަށްގޮސް ބޭސްމަންޓާއި ޕޫލްވެސް ހިނދުނީއެވެ.

ޗެނޮބީލްގެ އެކްސިޑެންޓް އިންސާނީ އަދި ތިމާވެށީގެ މަހާ ކާރިސާޔަކަށް ނުވެ ސަލާމަތްވީ ކުރިން ދެންނެވި މަގުން ފެންގަނޑު ހިންދައިލެވުނީމައެވެ. އެތައް މިލިޔަން ބަޔަކު މަރުނުވެ މުޅި ޔޫރަޕު ސަލާމަތްވީ އެއްކަލަ ތިން މީހުންގެ މަތިވެރި ގުރުބާނީގެ ސަބަބުންނެވެ. ބުނެވޭ ގޮތުގައި ރޭޑިއޭޝަނުގެ އަސަރު ފޯރިލެއް ބޮޑުކަމުން ދެތިން ހަފުތާތެރޭގައި އެ ތިންމީހުންވެސް މަރުވީއެވެ. ކޮންމެއަކަސް ޔުކްރޭނާއި ރަޝިޔާ އަދި މުޅި ޔޫރަޕުގެ ބޮޑު ބައެއް ސަލާމަތްވުމުގެ މައިގަނޑު ސިއްރަކީ އެ ތިން މީހުންނެވެ. މިއަދު ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމަޔާއިމެދު އެމީހުން ދުނިޔޭގައި ތިބިނަމަ ބުނާނީ ކީކޭބާވައެވެ. އިންސާނިއްޔަތަށްޓަކައި އެމީހުން ދެއްކި ނަމޫނާ އޭގެ 36 އަހަރު ފަހުން މީސްތަކުން ބަލައިނުގަންނަވަރު ފެނި ހިތާމަ ނުކުރާނޭ ބާވައެވެ.