ކްރިސްޓިއަން އެރިކްސަން އަނެއްކާވެސް ޑެންމާކު ގައުމީ ޓީމުގެ ސްކޮޑަށް ނަގައިފިއެވެ.

މިދިޔަ އަހަރު ބޭއްވި ޔޫރޯގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުނު އެރިކްސަަންއަށް ގައުމީ ޓީމުން އަނެއްކާވެސް ފުރުސަތު ލިބިފައިވާ އިރު، މިއީ ކާޑިއެކް އެރެސްޓަށްފަހު ގައުމީ ޓީމަށް އެރިކްސަން ނެގި ފުރަތަމަ ފަހަރެވެ.

ޑެންމާކުން ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. އިމަޖެންސީގައި މެޗު މެދުކަނޑާލައި ގިނަ ކަންތައްތަކެއް ހިނގައި ދިޔައެވެ. ކުޅުންތެރިންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފުސާނީ އަސަރުތަކެއް އެކަމުގެ ސަބަބުން ކޮށްފައިވެއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

ހިތަށް އައިސީޑީއެއް ލައްވައި، 29 އަހަރުގެ އެރިކްސަން މިދިޔަ އޯގަސްޓް މަހު އެނބުރި އޭރުގެ ކްލަބު އިޓަލީގެ އިންޓަ މިލާނަށް ދިޔަ ނަމަވެސް، އިޓަލީ ލީގުގެ އުސޫލުތައް އޮންނަ ގޮތުން އެރިކްސަންއަށް އިންޓައަށް ކުޅެވޭނެ ގޮތެއް ނުވިއެވެ. އެހިސާބުން އެރިކްސަންގެ އެއްބަސްވުން އިންޓައިން އުވާލާފައިވާ އިރު، އޭނާ ވަނީ ފިޓްނެސް ހިފެހެއްޓުމަށް ކެރިއަރުގެ އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ)ގެ އިތުރުން އަޔެކްސްގައިވެސް ތަމްރީނުތަކުގައި ބައިވެރިވެފައެވެ.

އެރިކްސަން އަލުން ދަނޑުމައްޗަށް ނުކުތީ މިދިޔަ މަހުގެ ތެރޭގައި ކުޅުނު ޕްރިމިއާ ލީގުގެ މެޗެއްގައެވެ. ޖެނުއަރީ މަހުގެ ޓްރާންސްފާގައި އެރިކްސަން ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށް ބަދަލުވެ ކުޅެން ފަށާފައިވާ އިރު، ޑެންމާކުން އޭނާ ސްކޮޑަށް ނެގީ ނެދަލޭންޑްސްއާއި ސާބިއާއާ ދެކޮޅަށް ކުޅެން އޮތް އެކުވެރިކަމުގެ މެޗުތަކަށެވެ. ޑެންމާކުން މިމަހުގެ 26 ވަނަ ދުވަހު ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެން އޮތް އިރު، އޭގެ ތިން ދުވަސް ފަހުން ދެން ކުޅޭނީ ސާބިއާއާ ދެކޮޅަށެވެ.

ޑެންމާކު މިހާރުވެސް މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައި އޮތް އިރު، އެރިކްސަން ކުރިންވެސް ބުނެފައި ވަނީ އޭނާގެ ޓާގެޓަކީ ގައުމީ ޓީމާއެކު މިއަހަރުގެ ވޯލްޑް ކަޕަށް ދިއުން ކަމަށެވެ. އަލުން ގައުމީ ޓީމާއެކު ކުޅެން ފެށުން ވެގެންދާނީ އެރިކްސަންގެ އެ އުންމީދު ހާސިލު ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅަކަށެވެ.