ތައިލެންޑުގައި މިއަދު ފެށި އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ތައިލެންޑް ކައިރިން 8-3 އިން ރާއްޖެ ބަލިވެއްޖެއެވެ.

ބެންކޮކްގެ ޝޯ ޑީސީ އިންޑޯ ކޮމްޕްލެކްސްގައި މިއަދު ކުޅުނު މެޗަކީ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗެވެ.

ރާއްޖެއާ ދެކޮޅަށް މިއަދު ނުކުތް ތައިލެންޑަކީ އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ކާމިޔާބު އެއް ޓީމެވެ. ފުޓްސަލް ވޯލްޑް ކަޕްގައިވެސް ހަ ފަހަރަށް ވާދަޮށްފައިވާ ތައިލެންޑުން ވަނީ 2021 ވަނަ އަހަރާއި، 2016 އަދި 2021 ވަނަ އަހަރުވެސް ވޯލްޑް ކަޕް ގަދަ 16 އަށް ދަތުރުކޮށްފައެވެ. އޭގެ އިތުރުން ތައިލެންޑުން ވަނީ އޭއެފްސީ ފުޓްސަލް ކަޕްގައި 15 ފަހަރަށް ވާދަކޮށްފައެވެ. ތައިލެންޑުން ވަނީ 2008 އަދި 2012 ވަނަ އަހަރު އެ މުބާރާތުގެ ރަނަރަޕް ކަންވެސް ހޯދައިފައެވެ.

އާސިއާން ސަރަހައްދުގައި ކުޅޭ އޭއެފްއެފް މުބާރާތުގެ ޗެމްޕިއަންކަން ތައިލެންޑުން ވަނީ ކުޅުނު ހުރިހާ މުބާރާތެއްގައި ހޯދައިފައެވެ. 14 ފަހަރު ތައިލެންޑުން އެ މުބާރާތް ނަގައިފައިވާ އިރު، އެންމެފަހުން ތައިލެންޑުން އެ މުބާރާތް ނެގީ 2019 ވަނަ އަހަރުގައެވެ. ފުޓްސަލް ފީފާ ރޭންކިންގައި މިވަގުތު ތައިލެންޑް އޮތީ 19 ވަނައިގައެވެ.

އަނެއްކޮޅުން މިފަހަރުގެ މުބާރާތަކީ މީގެ ކުރިން 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ކުޅުނު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ކުޅުނު ފަހުން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އިންޑޯ ދަނޑުތަކުގައި ކުޅުމަކީ ރާއްޖެއަށް ވަރަށް އާ ތަޖުރިބާއަކަށް ވެފައި އޮތް އިރު، މެޗުގެ ކުރިން ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނީ ރާއްޖެއިން ތައިލެންޑާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށާއި، ނަތީޖާއަށްވުރެ ބޮޑަށް މުހިންމީ ތަޖުރިބާ ހޯދުން ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމު ތައިލެންޑް މުބާރާތުގައި ބައިވެރިވެފައިވަނީ އަންނަ މަހު ކުޅެން އޮތް އޭއެފްސީ ފުޓްސަލް ކަޕް ކޮލިފައިންގައި ވާދަކުރުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިންނެވެ. ތައިލެންޑް މުބާރާތަކީ ހަ ގައުމެއް ދެ ގްރޫޕަކަށް ބަހައިގެން ކުރިއަށްދާ މުބާރާތެކެވެ. ތައިލެންޑުގައި ބާއްވާ މި މުބާރާތުގައި ތައިިލެންޑާއި ރާއްޖޭގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ އޮމާނެވެ. ގްރޫޕް ބީގައި އޮތީ އީރާން، މިޔަންމާ އަދި މޮންގޯލިއާއެވެ.

ރާއްޖެއިން ތައިލެންޑާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ރާއްޖެއިން ފެށީ ޑިފެންސިވްކޮށް ވިސްނައިގެން ކުޅުމަށެވެ. ތައިލެންޑުން ވަރަށް ރަނގަޅަށް ކުރިއަށް ޖެހި އެޓޭކުތައް ކުރި އިރު، މެޗުގެ ފުރަތަމަ ހާފުގައިވެސް ޒައިދާން އަހުމަދު (އަސޫ) ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، ތައިލެންޑުން 5-2 ގެ ލީޑެއްގައި އޮތް އިރު، ތައިލެންޑުން ފުރަތަމަ ލީޑު ނެގީ އަޓްސާޑާވުޓް ޖެހި ގޯލުންނެވެ. އެ ގޯލަށް މާ ގިނައިރެއް ނުވެ އިޝާން އިބްރާހީމް (ސައްޓު) ޖެހި ހިލޭ ޖެހުމަކުން ރާއްޖެއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެހެން ނަމަވެސް ތައިލެންޑްގެ ޕީރަޕަޓް އަނެއްކާވެސް އެޓީމަށް ލީޑު ހޯދައިދިން އިރު، ރާއްޖޭގެ ދެވަނަ ގޯލު ކައުންޓާ އެޓޭކުގައި ޖެހީ ހުސައިން ޝަރީފް (އޮންލީ) އެވެ. ފުރަތަމަ ހާފުގައި ތައިލެންޑްގެ އިތުރު ގޯލުތައް ޖެހީ ދެވަނަ ގޯލު ޖެހި ޕީރަޕަޓާއި ސުޕަކޯންއެވެ. އަދި އަނެއް ގޯލަކީ ރާއްޖޭގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެވަނަ ހާފު ވަރުގަދަކޮށް ފެށި ތައިލެންޑުން ހާފުގެ ކުރީކޮޅުގައި އިތުރު ދެ ގޯލު ޖެހިއެވެ. އެ ގޯލުތައް ޖެހީ ޖަންނޮޓްއާއި ޓަނަޓިޕެވެ. އޭގެ ފަހުންވެސް ތައިލެންޑުން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު އިރު، ޕީރަޕަޓް ވަނީ އިތުރު ގޯލެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ ފަހުން ރާއްޖެއިންވެސް ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހި ބުރަ މަސައްކަތް ކޮށްގެން އިތުރު ގޯލެއްވެސް ޖެހިއެވެ. އޮންލީގެ ޕާހަކުން ގޯލު ޖެހީ ހުޒައިފަތު ރަޝީދެވެ.

ރާއްޖެއިން ދެން ކުޅޭ މެޗުގައި މާދަމާ ނުކުންނާނީ އޮމާނާ ދެކޮޅަށެވެ.