ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ބޭސްފަރުވާގެ ހިދުމަތްދޭ ހެލްތު އިންޝުއަރެންސް ސްކީމުގައި އެމީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިން ބައިވެރިކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސް ކޮށްފިއެވެ.
މި މައްސަލައަކީ މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުން، އަމިއްލަފުޅަށް ޕްރިމިއަމް ދައްކާގޮތަށް އެ ފަރާތްތައް އެ އިންޝުއަރެންސް ސްކީމުގައި ބައިވެރިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެވެ.
މި މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގައި މަޝްވަރާކޮށް ދިރާސާތަކެއް ކުރިއެވެ. އެ މަސައްކަތުގެ ތެރެއިން ދުނިޔޭގެ އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ އާއިލާގެ މެންބަރުންނަށް އެފަދަ ސްކީމެއްގެ ދަށުން އެއްވެސް އިނާޔަތެއް ފޯރުކޮށްދޭތޯ ވަނީ ބަލައިފައެވެ.
އެގޮތުން އިންޑިއާ، ސްރީލަންކާ، ސިންގަޕޫރު އަދި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ އާއިލާތަކުގެ މެންބަރުންނަށް އެފަދަ ސްކީމެއްގެ ދަށުން އެއްވެސް އިނާޔަތެއް ފޯރުކޮށްދޭތޯ ވަނީ ބަލައިފައެވެ. ނަމަވެސް ކޮމިޓީން ބުނެފައިވަނީ އެ ފަރާތްތަކަށް އެފަދަ އެއްވެސް އިނާޔަތެއް ފޯރުކޮށްދެމުން ނުދާ ކަމަށެވެ.
މަޖިލިސް މެންބަރުންނާއި، މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދެނީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުންނެވެ.
އެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ، މަޖިލީހުގެ ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ، ފިރިމީހާ، އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން، ރާއްޖެއާއި ސާކު ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭންވާނެ ކަމަށެވެ.
އެ ގާނޫނުގެ (ޅ)ގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ ކަމަށެވެ. ނަމަވެސް މަޖިލިސް މެންބަރުކަމުން ވަކިވާ ހިސާބުން މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އެމީހެއްގެ އަނބިމީހާ، ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށް ހަމަޖައްސާފައި އޮންނަ ހެލްތު އިންޝުއަރެންސް ސްކީމް ނިމުމަކަށް އަންނާނެއެވެ.
މި މައްސަލަ ދިރާސާކޮށް އެކަމާ ބެހޭގޮތުން މަޖިލީހުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި އާންމު ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައި އެ ކޮމިޓީން ބުނެފައިވަނީ، އެ ގާނޫނުގެ (ޅ)ގެ ދަށުން ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭން ޖެހޭ، މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް 24،000 ރުފިޔާގެ ޕްރިމިއަމްއެއް މަޖިލީހުގެ އިދާރާއިން ކޮންމެ އަހަރަކަށް ދައްކަމުން އަންނަ ކަމަށެވެ.
ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު އެކަމަށް، މަޖިލިސް ތަޅުމުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލައިގެ ބަހުސް ކުރިއަށްދިޔައިރު، އެ ގޮތަށް ހިދުމަތް ދިނުމަށް ނުފެންނަ ކަމަށް ގިނަ މެންބަރުން ވަނީ ވާހަަކަ ދައްކަވައިފައެވެ. އެއާއެކު މަޖިލިސް މެންބަރުކަން ކޮށްފައިވާ ފަރާތްތަކުގެ އާއިލާތަކަށް އެ ހިދުމަތްދޭން ނުފެންނަ ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވިއެެވެ. ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގެވެ.
އެހުށަހެޅުން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 40 މެންބަރުންގެ ތެރެއިން 26 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެއާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް