ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ކޯޓަށް އައްޔަންކުރި ދެ ފަނޑިޔާރުންނަކީ ގއ. މާމެންދޫ/ ފެހިގެ، އަހުމަދު ނިމާލް ޖުނައިދާއި ސ.ފޭދޫ/ ފިތިރޯނުގެ، ޒުލައިހާ ޝީޒާއެވެ.

އެބޭފުޅުން ހުވާ ކުރެއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިންގެ ކުރިފުޅުމަތީގައެވެ. ހުވާ ލައިދެއްވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީއެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ޝީޒާއާއި ނިމާލް އައްޔަންކުރީ ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން ކުރި އިއުލާނާ ގުޅިގެން އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އިންޓަވިއުގައި އެންމެ ގާބިލުކަމަށް، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވުމުންނެވެ.

ޒުލައިހާ ޝީޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަސިޓީ އިން ބެޗްލާސް އޮފް ލޯސް (އޮނާސް) ހާސިލްކުރައްވައި، ބާކްބެކް ކޮލެޖް، ޔުނިވަސިޓީ އޮފް ލަންޑަންއިން މާސްޓާ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ހާސިލްކުރައްވައިފައެވެ.

އޭގެ އިތުރުން ޝީޒާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއާ ސްޓޭޓް އެޓާނީ އަދި ސްޓޭޓް އެޓާނީ މަގާމުގައި ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައެވެ.

އަހުމަދު ނިމާލް ވަނީ ވިލާ ކޮލެޖުން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ހާސިލްކުރައްވައިފައެވެ. ނިމާލް ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިންގް ޕާޓްނަރުގެ ގޮތުގައި އެއް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ.