ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރަކު އެމަގާމުން ދުރު ކުރަން ބޭނުންވެއްޖެ ނަމަ، އެދާއިރާއެއްގެ ރައްޔިތުން ޕެޓިޝަން ހުށަހަޅައިގެން މަޖިލިސް މެންބަރުން ވަކިކުރެވޭ ގޮތް ހަދަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދުު ސަލީމް ވިދާޅުވެއްޖެއެވެ.

މެންބަރު ސަލީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ބޭސްފަރުވާގެ ހިދުމަތްދޭ ހެލްތު އިންޝުއަރެންސް ސްކީމުގައި އެމީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިން ބައިވެރިކުރުވުމުގެ މައްސަލައަށް މަޖިިލިސް ތަޅުމުން ގޮތެއް ނިންމައިދިނުމަށް އެދި މަޖިލީހުގެ އާންމު ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މަޖިލިސް މެންބަރުންނާއި، މެންބަރުންގެ އަނބިމީހާ، ފިރިމީހާ، އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން، ރާއްޖެއާއި ސާކު ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭންވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ވަނީ ކަނޑާއަޅައިފައެވެ.

އެ ގާނޫނުގެ ދަށުން މަޖިލިސް މެންބަރުނަށް ލިބޭ އިންޝުއަރެންސްގެ ހިދުމަތް މަޖިލިސް މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބެމުންދިޔަ ނަމަވެސް، މެންބަރުންގެ އަނބިމީހާ، ފިރިމީހާ، އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށް އެ ހިދުމަތެއް ނުލިބެއެވެ.

މަޖިލިސް މެންބަރުންނާއި މަޖިލިސް މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ބޮޑެތި އިނާޔަތްތަކެއް ކަނޑައަޅާފައިވާ ކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، މަޖިލީހަށް ވަންނަންވީ ލިބޭ ބެނެފިޓްތައް ހޯދަންނޫން ކަމަށެވެ.

ނަމަވެސް މެންބަރުކަމަށް އިންތިހާބު ވުމަށްފަހު، މަޖިލީހަށް އަޔަސް ނަޔަސް، މަސައްކަތެއް ކުރިއަސް، ނުކުރިއަސް، ދައުރު ހަމަވެ، އުމުރު ދުވަސްވަންދެން އެގޮތަށް ތިބެވޭނެކަމަށް މެންބަރުން ވިސްނާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އެހެން ދިމާވަނީ މަޖިލީހަށް އިންތިހާބު ކުރި ރައްޔިތުންނަށް އެމީހުން އިންތިހާބު ކުރި މެންބަރު ވަކި ކުރެވޭނެ ގޮތެއް ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރުން ރިކޯލް ކުރެވޭނެ ގާނޫނެއް، އިނގިރޭސިވިލާތުގައި ވެސް ތައާރަފު ކޮށްފައިވާ ކަމަށާއި، އެގޮތަށް، މަޖިލީހަށް ހޮވި މެންބަރު ކަމުނުދާނަމަ އޭނާ މަގާމުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަންވާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

"މިތަނަށް ވަންނަންވީ ގާނޫނު ހަދަން މިތަނުގެ މަސްއޫލިއްޔަތުތައް އަދާކުރަން، އަޅުގަނޑުމެންނަށް މިހާރު ހީވެފަ މި އޮންނަނީ މިތަނަށް އިންތިހާބުވީމާ އުމުރު ދުވަހަށް ދައުރު ހަމަވަންދެން ހަމަ ގައިމުވެސް މިތަނުގައި ހުންނާނެކަމަށް، މިތަނަށް އަޔަސް ހެޔޮ، ނަޔަސް ހެޔޮ، މިތަނުގެ މަސައްކަތުގައި ބައިވެރިވިޔަސް، ނުވިޔަސް ހެޔޮ، ކީއްވެތޯ އެހެން އެ ދިމާވަނީ، މި ތަޖުރިބާގެ އަލީގައި އިނގިރޭސި ވިލާތުގެ މިސާލެއް ދަންނަވާލާނަން، މިހާރު އިނގިރޭސިވިލާތުގައި ތައާރަފު ކޮށްފި މެންބަރުން ރިކޯލް ކުރެވޭނެ ގާނޫނެއް، ކީއްވެގެންތޯ އަޅުގަނޑުމެން ހޮވި ރައްޔިތުންނަށް އަޅުގަނޑުމެން ކަމު ނުދިޔައިމަ މިތަނަށް ނާންނަ ކަމަށް ވަންޏާ އަނބުރާ ހުރިތަނަށް އެމީހުންނަށް ނުގެންދެވެންވީ، އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިހާރު ރާއްޖެއަށް ބޭނުންވޭ މެންބަރުން ރިކޯލު ކުރާ ގާނޫނެއް އަޅުގަނޑަކީ އެމީހުންނަށް ބަލަދު އަރައިފަހުރި މީހަކަށް ވެގެންނުވާނެ،"

އެގޮތަށް، މެންބަރަށް މަޖިލީހަށް ނާދެވެންޏާ، އަދި ހިދުމަތް ނުދެވެންޏާ، އެ މެންބަރު ވަކި ކުރުމަށް ދާއިރާގެ ރައްޔިތުންނަށް ޕެޓިޝަން ލެވެން ޖެހޭނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "އަޅުގަނޑުމެންގެ ވިސްނުން އެގޮތަށް ގެންގުޅެގެންނޫނިއްޔާ މި މަޖިލިސް އިސްލާހެއްނުވާނެ، މި މަޖިލިސް އިސްލާހު ވެގެންނޫނީ ރާއްޖެ އިސްލާހެއްނުވާނެ،" ކަމަށެވެ.