ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްކޮށް ހުންނަވައި، އޭނާގެ ކުންފުނި "ކިންގްސް ފޮރެކްސް ޓްރޭޑިން" އިން ހިންގާ އިންވެސްޓްމަންޓް ފަންޑުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްގެން، އެ މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ބަލަމުން އަންނަނީ ކޮން ކަހަލަ ތުހުމަތެއްގައި ކަމެއްވެސް ވިދާޅެއް ނުވެއެވެ.

ކިންގްސްއަކީ އަލްހާންގެ ހިއްސާ އޮންނަ އަދި އޭނާ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވާ ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ކުންފުނިން ހިންނަގަނީ ޕޮންޒީ ސްކީމެއް ކަމަށް ބަލައި، ބީއެމްއެލުން ވަނީ އެކުންފުނީގެ އެކައުންޓުވެސް ފްރީޒްކޮށްފައެވެ.

އަލްހާނަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ "ވަން" އަށް ވިދާޅުވެފައި ވަނީ، އޭނާގެ ކުންފުނިން އެއްވެސް ބަޔަކަށް އޮޅުވާލައި ސްކޭމްކޮށްފައި ނުވާނެ ކަމަށާއި ކަސްޓަމަރުން އިންވެސްޓް ކުރަން ދޭ ފައިސާ އެ ކުންފުނިން އިންޓަނޭޝަނަލް ޓްރޭޑިން ޕްލެޓް ފޯމުތަކުގައި ޓްރޭޑުކުރާ ކަމަށެވެ. އަދި ޓްރޭޑް ކޮށްގެން ކަސްޓަމަރުންނަށް ދޭން ޖެހޭ ފައިސާ ނުދީ ނުހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.