މިދިޔަ އަހަރުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލަތަކުގައި 85 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިމެނޭ ކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ.
އޭސީސީން އިއްޔެ އާންމުކުރި 2021 ވަނަ އަހަރުގެ އަހަރީ އާންމު ރިޕޯޓުގައި ބުނެފައިވާ ގޮތުން, އެ އަހަރުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅުމަށް ޕީޖީ އޮފީހަށް ޖުމުލަ 22 މައްސަލައެއް ފޮނުވިއެވެ. އޭގެ ތެރެއިން ފައިސާ ހިމެނެނީ 16 މައްސަލައެއްގައެވެ. އެ މައްސަލަތަކުގައި ޖުމުލަ 85 މިލިއަން ރުފިޔާ ހިމެނޭ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން, އެ މައްސަލަތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދުމަށް އެދިފައިވަނީ އެންމެ 1.3 މިލިއަން ރުފިޔާއެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި ކޮރަޕްޝަނުގެ އެކި މައްސަލަތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 2.1 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އެކި އިދާރާތަކުގައި އެދިފައިވާނެ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ. އެއީ އެ ކޮމިޝަނުން ނިންމި ތިން މައްސަލައަކާ ގުޅިގެން އަނބުރާ ހޯދަން އެދުނު ފައިސާއެވެ.
ޚަބަރު
ޚަބަރު