ވިލިމާލޭގެ ލޭންޑް ޔޫޒް ޕްލޭން ހަދައި ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ވިލިމާލޭގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ސިޓީ ކައުންސިލުން ވަނީ މިދިޔަ މަހު ވިލިމާލޭގެ ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ހުސްކޮށް އޮތް 13 ބިމެއް ކުއްޔަށް ދިނުމަށް ނިންމައިފައެވެ. ނަމަވެސް އެކަން ޕްލޭނިން މިނިސްޓްރީން ވަނީ ހުއްޓުވައިފައެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ، ސިނާއީ ސަރަހައްދުގެ ލޭންޑް ޔޫޒް ޕްލޭން ސިޓީ ކައުންސިލުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށާއި އެހެންކަމުން އެ ސަރަހައްދުން ބިން ދޫނުކުރެވޭނެ ކަމަށެވެ.
މިދިޔަ މަހު މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވަނީ ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް އޮތް 13 ސްލޮޓެއް ކުއްޔަށް ދޫކުރަން ނިންމައި، އެ ބިމަށް ކުރިމަތިލާން މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައެވެ. ކައުންސިލުން ހާއްސަކޮށްފައިވަނީ ވިލިމާލޭގެ މީހުންނަށް ހަ ސްލޮޓު އަދި މާލޭގެ މީހުންނަށް ހަތް ސްލޮޓެވެ.
ނަމަވެސް އެގޮތަށް އެކަން ނިންމުމުގެ ކުރިން ޕްލޭނިން މިނިސްޓްރީން ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައި، ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމެންދެން ވިލިމާލެ ސިނާއީ ސަރަހައްދު ބޭނުންކުރާނެ ކަމަށް ބުނެފައެވެ.
އެ ސަރަހައްދުތަކުގެ ތެރޭގައި ލުއި ސިނާއީ މަސައްކަތްތަކަށް ވިލިމާލެ އިން ދޫކޮށްފައިވާ ބިންތައް ހިމެނޭ ސަރަހައްދު ހިމެނޭތީ އަދި ބްރިޖާ ގުޅިގެން ކޮންމެހެން ބޭނުންވާނެ އިންފްރަސްޓްރަކްޗަރު ގާއިމުކުރުމަށް އިތުރަށް ބިން ބޭނުންވާނެތީ، އެ ސަރަހައްދު އެ ބޭނުމަށް ކަނޑައަޅައިދިނުމަށް ޕްލޭނިން މިނިސްޓްރީން އެދުނެވެ. އަދި ބިން ދޫކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ގާނޫނުގައިވާ ގޮތަށް މިނިސްޓްރީއަށް ހުށަހަޅައި، ފާސްކޮށްގެން ކަމަށް އަންގާފައިވެއެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ގައުމީ ތަރައްގީއާ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް ރަށެއްގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުތަކެއް ގެންނަން ޕްލޭނިން މިނިސްޓްރީން އެދެފިނަމަ އެކަމެއް އެގޮތަކަށް ކުރަން ޖެހެއެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލުން މިއަދު ބުނީ، ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް ލޭންޑް ޔޫޒް ޕްލޭން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އެ ލޭންޑް ޔޫޒް ޕްލޭނަށް މިހާރު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެ ބަދަލު ގެންނަން ޖެހުނީ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާ އިރު، ވޯކް ސައިޓެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖައްސާފައިވާ ސަރަހައްދަށް ބަދަލުތަކެއް އައުމާ ގުޅިގެން ކަމަށް ކައުންސިލުން ބުންޏެވެ. ނަމަވެސް ސިޓީ ކައުންސިލުން އެ ބަދަލުތަކާއެކު ލޭންޑް ޔޫޒް ޕްލޭން އަދި މިނިސްޓްރީއަށް ހުށަހަޅައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު