ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން އެތަކެތި އަތުލައިގަނެފައިވަނީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ފާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން ބަލައި ފާސްކުރުމުގެ ތެރޭގައި މިމަހުގެ ނުވަވަނަ ދުވަހުއެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވުނު ތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ އެކްސްޓަސީއަށް ޕޮޒިޓްވެފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 1.115 ކިލޯ ހުރި ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ. އެތަކެތީގެ މަގުމަތީ އަގު 3،000،000 (ތިން މިލިއަން) ރުފިޔާއަށް އަރައެވެ.
މިމަހުގެ އެއްވަނަ ދުވަހު ވެސް ކަސްޓަމްސް އިން ވަނީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެެތެރެކުރަން އުޅުނު 3.259 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. އެތަކެތީގެ މަގުމަތީ އަގަކީ 12,953,500 (12.9 މިލިއަން) ރުފިޔާއެވެ.
މިދިޔަ ޖަނަވަރީ މަހު ފަހުކޮޅު ކަސްޓަމްސް އިން ވަނީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންސް ޓެކްނިކަލް ޓީމެއް ތައާރަފުކޮށް މާލެ އާއި ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު