ތައިލެންޑްގައި މާދަމާ ފެށުމަށް ތައްޔާރުވެފައިވާ އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕްގައި ރާއްޖެއިން ތައިލެންޑާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށް ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފިއެވެ.

ތައިލެންޑްގައި މާދަމާ ފަށާ މުބާރާތް މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އިރު، ގައުމީ ފުޓްސަލް ޓީމު އެ މުބާރާތުގައި ބައިވެރިވެފައިވަނީ އަންނަ މަހު ކުޅެން އޮތް އޭއެފްސީ ފުޓްސަލް ކަޕް ކޮލިފައިންގައި ވާދަކުރުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިންނެވެ. މިފަހަރުގެ މުބާރާތަކީ މީގެ ކުރިން 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ކުޅުނު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ކުޅުނު ފަހުން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ގައުމީ ފުޓްސަލް ޓީމު ސީދާ މިފަހަރުގެ މުބާރާތަށް އެކުލަވާލި އިރު، ޓީމު ނަގައިފައި ވަނީ ޓްރައިލްއަކަށް ފަހުގައެވެ. މާދަމާ ކުޅެން އޮތް މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ރާއްޖޭގެ ކޯޗު އަބޯ ބުނީ ތައިލެންޑް މުބާރާތަކީ ރާއްޖެއަށް މުހިންމު ތަޖުރިބާއަކަށް ވާނެ ކަމަށާއި، ކުޅުންތެރިންވެސް މުބާރާތަށް ރަނގަޅަށް ތައްޔާރު ކުރެވިފައިވާ ކަމަށެވެ.

"ފުރަތަމަ ކަމަކަށް ތައިލެންޑުން ދިން ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ ރާއްޖޭގެ ޓީމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް. މެޗުތައް ވެގެންދާނީ ރަނގަޅު ތަޖުރިބާއަކަށް. ކުޅުންތެރިންގެ ތައްޔާރީތަކަށްވެސް ހިތްހަމަ ޖެހޭ. އެހެން ނަމަވެސް އުނދަގޫތަކެއް އަންނާނީ ކުޅޭ ދަނޑުގެ ތަފާތުން. ރާއްޖޭގައި އިންޑޯގައެއް ނޫން ކުޅެފައި ހުރީ. މިއީ ރަނގަޅު އިންޑޯ ދަނޑެއް. އެހެންވީމަ އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕަށް މިއީ ރަނގަޅު ތައްޔާރީތަކަކަށް ވާނެ،" އަބޯ ބުންޏެވެ.

އަބޯ އިތުރަށް ބުނީ ތައިލެންޑަކީ އޭޝިއާގެ ވަރުގަދަ ޓީމެއް ކަމަށާއި، ތައިލެންޑާއެކު ކުޅުމަކީ ޓީމަށް ލިބޭނެ ބޮޑު ތަޖުރިބާއެއް ކަމަށެވެ.

"ފުރަތަމަ މެޗުގައި ހޯސްޓް ގައުމު ތައިލެންޑާ ދެކޮޅަށް ކުޅުމަކީ އުނދަގޫވާނެ ކަމެއް. އެކަމަކު މި މުބާރާތުގައި ނެތް ބަލި ޓީމެއްވެސް. ހުރިހާ ޓީމެއްވެސް ވަރުގަދަ. ތައިލެންޑަކީ އޭޝިއާގައިވެސް ފާހަގަކޮށްލެވޭ ވަރުގަދަ ޓީމެއް. މެޗުގައި ބޮޑަށް މުހިންމީ ނަތީޖާއެއް ނޫން. އަހަރެމެން ރަނގަޅު ފައިޓެއް ދޭން ނުކުންނަނީ. އެކަމަކު ހޯދުނު އެންމެ ބޮޑަކަށް ތަޖުރިބާ ހޯދުން އެއީ އެންމެ މުހިއްމު ކަމަކީ،" އަބޯ ފާހަގަކުރިއެވެ.

ތައިލެންޑް މުބާރާތަކީ ހަ ގައުމެއް ދެ ގްރޫޕަކަށް ބަހައިގެން ކުރިއަށްދާ މުބާރާތެކެވެ. ތައިލެންޑްގައި ބާއްވާ މި މުބާރާތުގައި ތައިިލެންޑާއި ރާއްޖޭގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ އޮމާނެވެ. ގްރޫޕް ބީގައި އޮތީ އީރާން، މިޔަންމާ އަދި މޮންގޯލިއާއެވެ. ރާއްޖެއިން ފުރަތަމަ މެޗުގައި މާދަމާ ތައިލެންޑާ ކުޅުމަށް ފަހު ދެވަނަ މެޗުގައި 16 ވަނަ ދުވަހު ކުޅޭނީ އޮމާނާ ދެކޮޅަށެވެ.

އަންނަ މަހު ކުޅޭ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ތައިލެންޑް މުބާރާތުގައި ކުޅެލަން ލިބުމުން ރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ލިބިގެން ދާނެއެވެ.

އޭއެފްސީން ނެރުނު ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގައެވެ. އެ ޒޯނުގެ އަށް ގައުމު ވަނީ ކޮލިފައިންގެ ދެ ގްރޫޕަކަށް ބަހައިފައެވެ. ރާއްޖެ ގްރޫޕް އޭގައި އޮތީ އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާނެވެ. މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާން އަދި ނޭޕާލެވެ.

  • އިސްމާއިލް ފާތިހު (ތާޑޭ)
  • ޒައިދާން އަހުމަދު (އަސޫ)
  • ހަސަން ނިމާލް (ނީމޯ)
  • އަބްދުﷲ ނާސިހު
  • އިޝާން އިބްރާހިމް (ސައްޓު)
  • ހުސެއިން ޝަރީފް (އޮންލީ)
  • މުހައްމަދު އިމްރާން (އިންމި)
  • އަބްދުﷲ ޝާފިއު (ޝާއްޕެ)
  • އަލީ ހާފިޒް (ހާއްޕެ)
  • މުހައްމަދު ޔަފާއު (ޔާ)
  • އަބްދުﷲ ޝައްފާން (ޝާކާ)
  • ހުޒައިފަތު ރަޝީދު (ހުޒޭ)
  • ހަސަން ސުހޭލް (ސޮކޭ)
  • ސާމިން މުހައްމަދު

ޓީމުގެ ކޯޗަކަށް އަބޯ ހަމަޖައްސާފައިވާ އިރު، އެސިސްޓަންޓް ކޯޗުންނަކީ އަހުމަދު ނިޔާޒް (ނިޔާ) އަދި އަހުމަދު ވިސާލް (އަންދު) އެވެ. މެނޭޖަރަކީ އަހުމަދު ގާސިމް (އަހޫ) އެވެ. އޮފިޝަލެއްގެ ގޮތުގައި އަލީ ނަދީމް (ކޮކޯ) ހަމަޖައްސާފައިވާ އިރު، ކީޕަރު ޓްރެއިނަރަކީ އިބްރާހިމް އަހުމަދެވެ.