ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގައި ހެކި ހުށަހެޅުމަށް އެމަނިކުފާނަށް ފަސް ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން މިއަދު ދީފިއެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ އިބްތިދާއީ އަޑުއެހުމެކެވެ. އެއީ އެ ދައުވާއަކީ ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ ކަނޑައެޅުމަށް ބާއްވާ އަޑުއެހުންތަކެކެވެ.
އެގޮތުން މިއަދުގެ އަޑު އެހުމުގައި އޮތީ ހެކި ހާމަކުރުމެވެ. އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހެކި ހާމަކޮށްފައިވާ އިރު، ވަކި ވަކިން ހެކިން ހުށަހެޅުމުގެ ބަދަލުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ދަައުވާ ފޯމާއެކު ހުށަހެޅި ލިޔުންތަކުގައި ހެކި ފާހަގަކޮށްފައިވާނެ ކަމަށާއި އެއީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅަން ބޭނުންވާ ހެކިތައް ކަމަށެވެ.
ނަަމަވެސް ރައީސް ޔާމީންގެ ފަރާތުން ވަނީ، ބައެއް ލިޔެކިއުންތައް ލިބިފައިނުވާ ކަމަށް ވިދާޅުވެ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް ޔާމީންގެ އިތުރުން، މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ފަރާތުންވެސް ވަނީ ހެކިހުށަހެޅުމަށް އިތުރު ފުރުސަތަށް އެދިފައެވެ.
އެ ދެ ފަރާތުގެ ވާހަކަތަކަށްފަހު، ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ އެ ދެބޭފުޅުންނަށްވެސް ހެކި ހުށަހެޅުއްވުމަށް އިތުރު ވަގުތު ދެއްވައިފައެވެ.
އެހެންކަމުން މި މައްސަލައިގައި ދެން އޮންނާނީ އެ ދެބޭފުޅުންގެ ދިފާއުގައި ހެކި ހާމަކުރުމާއި އެ މައްސަލަ މަދަނީ މިންގަނޑު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ގޮތެއް ކަނޑައެޅުމެވެ. އެކަމަށްޓަކައި މިމަހުގެ 31 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެއެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ރިސޯޓެއް ގޮތުގައި ތަރައްގީކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
އާރަށު މައްސަލައިގެ އިތުރުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ހިޔާނާތުގެ ދެ ދައުވާއެއް ރައީސް ޔާމީންގެ މައްޗަށް ވަނީ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު