ޚަބަރު

އުތުރުތިޅަފަޅާބެހޭގޮތުން ޔާމީން ދައްކަވާ ވާހަކަ ހަގީގަތާ ހިލާފު، އެއީ ގައުމީސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

2

އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ދަށުން، އިންޑިއާ ސިފައިން ބޭނުން ކޮންމެ ހަތިޔާރެއް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދިވެހި ސަރުކާރުން ދީފައިވާކަމަށް ވިދާޅުގެ އެ އެއްބަސްވުމާބެހޭގޮތުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ދައްކަވާ ވާހަކަފުޅުތަކަކީ ހަގީގަތާ ހިލާފު ވާހަކަފުޅުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، އުތުރުތިލަފަޅު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ގައުމީ ސަލާމަތާއި ގައުމުގެ އަމާންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ ކަމެއް ނެތްކަން ކަށަވަރުކުރެއްވުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވި ކަމަށެވެ.

އެ ހުށަހެޅުމުގައި އުތުރުތިލަފަޅު ތަރައްގީކުރުމާބެހޭ އެއްބަސްވުމާއި ހައިޑްރޮގްރަފީއާބެހޭ އެއްބަސްވުމާއި ޑޯނިއާ މަތިންދާބޯޓާ ބެހޭ އެއްބަސްވުންތަކުގެ އަސްލު ހޯދައި ދިރާސާކޮށް ގައުމީ ސަލާމަތާއި ގައައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ކަންކަން ހުރިތޯ ބަލައިދިނުމަށް މެންބަރު އެދިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީން ދިރާސާކުރުމަށް އެ ކޮމިޓީއަށް ފޮނުވުމުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ގައުމީ ދިފާއީ ބާރުގެ އިސްވެރިން ކޮމިޓީއަށް ވަޑައިގެން، އޭގެ ތެރެއިން ވަކިވަކި އެއްބަސްވުންތަކަށް ޕްރެސެންޓޭޝަން ހުށަހަޅުއްވައި ޖަވާބުދާރީވެވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ތެެރެއިން އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ އަސްލު ސްކްރީން މެދުވެރިކޮށް މެންބަރުންނާ ހިއްސާކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ އެއްބަސްވުންތަކުގެ ހާޑް ކޮޕީ މެންބަރުންނާ ހިއްސާ ކުރެވިފައި ނުވަނީ، އެއީ ދޭދޭ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުމެއްކަމުން އެ އެއްބްސްވުމުގެ އެއްވެސް ބައެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ ނަމަ ދެ ގައުމުގެ މަސްލަހަތަށް ބުރޫ އަރައިފާނެ ކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށެވެ.

ނަމަވެސް އެ އެއްބަސްވުމުގެ މަގުސަދާއި އެއްބަސްވުމުގައިވާ ބައެއް ކަންކަމާގުޅޭ ގޮތުން ރައީސް ޔާމީން އާއްމުންގެ ތެރޭގައި ހަގީގަތާ ހިލާފު ވާހަކަދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އުތުރުތިލަފަޅު ތަރައްގީކުރުމުގެ އެއްބަސްވުން ދެމިއޮތްހާ ހިނދަކު އެތަނުގެ މިލްކުވެރި ފަރާތަކީ އިންޑިއާ ސަރުކާރު ކަމަށާއި އެތަނުގައި ކަނޑު އަޑި އާއި ވައިގެ އަސްކަރީ މަރުކަޒެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށާއި އިންޑިއާގެ މަނަވަރުތައް ހުއްދައެއް ނެތި އެތަނުގައި ބަނދަރު ކުރެވޭނެ ކަމަށާއި އިންޑިއާ ސިފައިން ބޭނުން ހަތިޔާރެއް އެތެރެ ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކޮމިޓީން ކުރި ދިރާސާއަށް ބަލައި އިރު، އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ދަށުން ގާއިމުކުރާ ފެސިލިޓީތަކާއި އިންފްރާންސްޓްރަކްޗާއާއި އިކުއިޕްމަންޓްތަކަކީ ހަމައެކަނި ދިވެހި ދައުލަތުގެ މިލްކިއްޔާތެއްކަށް އެ އެގްރީމެންޓުގައި ބަޔާންކޮށްފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ބޭރުގެ އުޅަނދުތަކުން ރާއްޖޭގެ ސަރަހައްދަށް ވަދެވޭނީ ކަމާބެހޭ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ރާއްޖޭގެ އިދާރާތަކުގެ ހުއްދަ ލިބިގެންކަމާއި އެ އެއްބަސްވުމުގެ ދަށުން އެފަދަ ހުއްދަ ހޯދުމަކާ ނުލައި އިންޑިއާގެ މަނަވަރަކަށް ރާއްޖޭގެ ސަރަހައްދަށް ވަދެވޭނެކަމަށް ބަޔާންކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެއްބަސްމުގެ ދަށުން އިންޑިއާ ސިފައިން ބޭނުންވާ ކޮންމެ ހަތިޔާރެއް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ދައްކާ ވާހަކައަކީ ހަގީގަތާހިލާފު ވާހަކައެއް ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ،، ދިވެހި ދައުލަތުގެ ނަމުގައި، ދިވެހި ސަރުކާރުން ވެފައިވާ އަސްކަރީ ގުޅުންތައް ގާއިމުކުރުމުގެ އެއްބަސްވުންތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަދައްކައި ފެތުރުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެކަންކަމަކީ ރާއްޖެއާއި ދޭދޭ ގައުމުތަކާ ދެމެދު އޮންނަ ހާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެ ކަމަކަށްވާތީ މަޖިލިސް ރައީސްގެ ހައިސިއްޔަތުން އެކަން މެންބަރުންގެ ސަމާލުކަމަށް ގެންނެވީ ކަމަށް ވިދާޅުވިއެވެ.