އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކުރެއްވި ކެމްޕޭން ޓުވީޓެއް ރައީސް އޮފީހުގެ ރަސްމީ ޓުވިޓާ ހޭންޑަލް އިން ރީޓުވީޓް ކުރެވުނީ އޮޅުމަކުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ޗެއާޕާސަން ކަމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ފައްޔާޒް މިރޭ ކުރެއްވި އެ ޓުވީޓަކީ މުލަކާއި ނިލަންދެ އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރަށްފަހު އެ ރަށްތަކުން ދެއްވި މެހެމާންދާރީއަށް ޝުކުރު ދެންނެވުމަށް ކުރެއްވި ޓުވީޓެކެވެ.
އެ ޓުވީޓުގައި ފައްޔާޒް ވިދާޅުވީ ޕާޓީގެ ހިންގުން އެހެން މަރުހަލާއަކަށް އުފުލާލަން މެންބަރުން އެދޭ ކަމަށާއި އެކަން އެގޮތަށް ވާނެ ކަމަށެވެ.
މަދު ވަގުތު ކޮޅަކަށް އެ ޓުވީޓު، ރައީސް އޮފީހުގެ ޓުވިޓާ ހޭންޑަލް އިން ރީޓުވީޓް ކޮށްފައި އިން ނަމަވެސް، އެ ރީޓުވީޓުގެ ސްކްރީން ޝޮޓުތައް މީސް މީޑިއާގައި ދައުރުވެ ރައީސް އޮފީހަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެ ފާޑު ކިޔުންތަކާއެކު ރައީސް އޮފީހުގެ އޮފިޝަލް ހެންޑަލް އިން ވަނީ އެ މައްސަލައިގައި ޖަވާބުދާރީވެފައެވެ.
"މިރޭގެ އިރާކޮޅުގެ ވަގުތެއްގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެނޑިޑޭޓެއްގެ ޓުވީޓެއް، ނޭނގުމެއްގެ ތެރެއިން މި ހެންޑަލްއިން ރިޓުވީޓު ކުރެވުނު. މަދު މިނެޓު ކޮޅެއް ވަންދެން އެ ޓުވީޓު ފެންނަން އިން. އެކަމަށްޓަކައި ނިހާޔަތަށް މައާފަށް އެދެން، އަދި އެކަން ހިނގީ ނޭނގުމެއްގެ ތެރެއިން ކަމުގެ ޔަގީންކަންދެން،" ރައީސް އޮފީހުން މިރޭ ކުރި ޓުވީޓުގައި ބުންޏެވެ.
އޭގެ އިތުރުން ރައީސް އޮފީހުން ބުނީ ރައީސް އޮފީހުގެ ވެބްސައިޓުން، ނުވަތަ އެއްވެސް މީސް މީޑިއާގެ އެކައުންޓަކުންވެސް ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިން ޕްރޮމޯޓު ނުކުރާނެ ކަމަށާއި، އެފަދަ އެއްވެސް ހަރަކާތެއްގެ އެއްވެސް ކަމެއް ޕްރޮމޯޓް ނުކުރާނެ ކަމަށެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅާފައިވާނެ ކަމަށާއި، އެ ރީޓުވީޓުގެ ކަންކަން ހިނގައިދިޔަ ގޮތް ބަލައި، އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ އެއްވެސް ފަރާތެއް ވޭތޯ ބެލުމަށް ހާއްސަ އިންކުއަރީއެއް ފަށާފައިވާ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ހޫނުވެގެން ގޮސްފައިވާ އިރު، ޗެއާޕާސަން ކަމަށް ފައްޔާޒުގެ އިތުރުން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އެ ދެ ކެންޑިޑޭޓުގެ ކެމްޕޭނު ވެސް ފެންނަނީ ވަރަށް ވާދަވެރިކޮށެވެ.
އެމްޑީޕީ ތެރޭގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެ ފެކްޝަނެއް އުފެދި، ޕާޓީ ތެރެ ހޫނުވެފައިވާކަން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުންވެސް އެނގިގެން ދިޔައެވެ. ގައުމީ މަޖިލީހުގެ އަގުލަބިއްޔަތު ބޮޑުކޮށް ފައްޔާޒު ފަޅީގައި އޮތް އިރު، ކުރިން ރޯދަ މަހުގެ ތެރޭ ބާއްވަން އޮތް އިންތިހާބު މިހާރު ވަނީ ފައްޔާޒްގެ ޓީމުން ބޭނުންވި ގޮތަށް މެއި މަހުގެ 14 ވަނަ ދުވަހަށް ފަސްކޮށްފައެވެ.