ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ގެނައި ދިވެހި ދަރިވަރުންގެ ކިޔެވުން ރާއްޖޭގައި ތިބެގެން ފުރިހަމަ ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޔޫކްރޭނުގައި ރަޝިއާއިން ފަށާފައިވާ ހަމަލާތަކާ ގުޅިގެން ޔޫކްރޭނުގައި ދިރިއުޅޭ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ އިރު، އެގައުމުގައި ދިރިއުޅޭ ގިނަ ދަރިވަރުން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އަދި އެހެން ދިވެހިން ވަނީ އަވަށްޓެރި އެހެން ގައުމުތަކަށް ބަދަލުކޮށްފައެވެ. ޔޫކްރޭނުގެ އިތުރުން އެގައުމު ކައިރީގައި އޮންނަ ބެލަރޫސްގައި ދިރިއުޅޭ ދަރިވަރުންވެސް ރާއްޖެ ގެނައުމުގެ ހަރަދުތައް ކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވައި މިރޭ ވިދާޅުވީ، ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އިގުތިސޯދީ ގޮތުން ގައުމުތަކަށް ގެއްލުން ވަމުންދާ ކަމަށާއި އެކަމުގެ އަސަރު ރާއްޖެއަށް ފޯރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާ އާއި ޔޫކްރޭނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ޔޫކްރޭނުގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ ގެއްލުން ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހަނގުރާމަ ކުރިއަށްދާ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

"އަނެއް ކަމަކީ، ޔޫކްރެއިނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެގައުމަށް ދެވޭނެ ދުވަހެއް ޔަގީންނުވާތީ، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރެވޭނެ ގޮތެއް ހޯދައިދިނުން. އެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ގުޅިގެން މިހާރު އަންނަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ސާފު ކަމަށެވެ. އެގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ، ކޮންމެ ގައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށެވެ. އަދި ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުން ރާއްޖެއިން ކުށްވެރިކުރާ ކަމަށްވެސް ވިދާޅުވިއެވެ.