ހއ. ބާރަށު ނެރު ފުންކުރުމާއި ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ މަސައްކަތްކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ބާރަށު ނެރު ފުންކުރުމާއި ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވަނީ އިއްޔެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 17.12 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން ކޮންނަ ނެރުގެ ދިގު މިނުގައި 755 މީޓަރު ހުންނަ އިރު، ފުޅާ މިނުގައި 33 މީޓަރު ހުންނާނެއެވެ. އެ ނެރު ކޮނުމަށް ހަމަޖެހިފައިވަނީ އަށް މީޓަރުގެ ފުންމިނަށެވެ. އޭގެ އިތުރުން މިހާރު ބޭނުންކުރަމުން އަންނަ ބަނދަރު 5.3 މީޓަރަށް ފުންކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފާއިތުވި ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމައިފައެވެ.

މީގެ 42 އަހަރު ކުރިން، 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.