އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލްއާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗު، އެޓީމުން 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗަށް ނުކުތް އިރުވެސް ޗެލްސީގެ ސިޔާސީ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްކޮށެވެ. ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ޗެލްސީގެ ވެރިޔާ، ރަޝިއާގެ ރޯމަން އަބްރަމޮވިޗަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ.

އިނގިރޭސި ސަރުކާރުން އަބްރަމޮވިޗަށް އެޅި ފިޔަވަޅުތަކާއެކު އިނގިރޭސިވިލާތުގައި ހުރި އަބްރަމޮވިޗްގެ ހުރިހާ ވިޔަފާރި އެސެޓްތައް ވަނީ ފްރީޒް ވެފައެވެ. އޭގެ ތެރޭގައި ޗެލްސީވެސް ހިމެނެއެވެ. ސަރުކާރުން ވަކި ލައިސަންސެއްގެ ދަށުން ޗެލްސީ ހިންގުމަށް ފުރުސަތު ދީފައިވާ އިރު، ޗެލްސީއަށް ދުވަހުން ދުވަހުގެ ހަރަދު ކުރުމަށްވެސް ދީފައި ވަނީ ލިމިޓެޑް ބަޖެޓެކެވެ. އެ ބަޖެޓާއެކު ދަތިތައް ދިމާވެ ޗެލްސީ ހިންގުމަށްވެސް އުނދަގޫވެފައިވުމުން ސަރުކާރާ މަޝްވަރާކޮށް މިހާރު ކޮންމެވެސް ވަރެއްގެ ލުޔެއް ވަނީ ލިބިފައެވެ.

އަބްރަމޮވިޗަށް ފުރަތަމަ ފިޔަވަޅު އެޅުމާއެކު އޭނާ ޗެލްސީ ވިއްކާލަން ކުރި މަސައްކަތްވެސް ހުއްޓުމަކަށް އައިސްފައިވެއެވެ. އެހެން ނަމަވެސް އިނގިރޭސި ސަރުކާރު މެދުވެރިވެ، ޗެލްސީ ވިއްކާލުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅީ، އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ވްލަޑިމީއާ ޕުޓިންގެ އޮލިގާކީގައި ހިމެނޭ ގާތް ވިޔަފާރިވެރިޔަކަށް ވާތީއެވެ.

މިރޭ އަމިއްލަ ދަނޑުގައި ޗެލްސީން ކުޅުނު މެޗު އެޓީމުން ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް ގޯލެއް ޖަހަން އުނދަގޫތަކަކާ ކުރިމަތިވިއެވެ. މެޗުގެ ފުރަތަމަ ހާފުގައިވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު، މެޗުގައި ނިއުކާސަލުން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ ހާފުގެ ފަހުކޮޅުގައި މިގޭލް އަލްމިރޯންގެ ފަރާތުންނެވެ. އަލްމިރޯން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ މަތަކުރީ ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީއެވެ.

ޗެލްސީން ދެވަނަ ހާފުގައި އެޓޭކަށް ބަދަލުތަކެއް ގެނެސް އޭރިއާ ތެރެއަށް ނުރައްކާ ކޮށްފައިވާ އިރު، މެޗުގެ 75 ވަނަ މިނެޓުގައި ކައި ހަވާޓްސް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލްކީޕަރު އަތަށެވެ. މެޗުން ޗެލްސީ މޮޅުވި ގޯލު އެޓީމަށް ހަވާޓްސް ޖަހައިދިނީ 88 ވަނަ މިނެޓުގައެވެ. ޗެލްސީގެ މެދުތެރެއިން ޖޯޖީނިއޯ މަތިން އެއްލި ބޯޅަ އޭރިއާ ތެރެއިން ހިތްގައިމުކޮށް ކޮންޓްރޯލް ކޮށް، ފަސޭހަކަމާއެކު ގޯލަށް ފޮނުވާލައި ހަވާޓްސް ޖެހީ ހިތްގައިމު ގޯލެކެވެ.

މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި ޗެލްސީ އޮތީ 27 މެޗުން 56 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 28 މެޗުން 66 ޕޮއިންޓް ލިބިފައިވާ އިރު، މިވަގުތު އެއްވަނައިގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ސިޓީ އެއްވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓާ އެކުގައެވެ.