ޕީއެސްޖީގެ ޒަމާންވީ ކްލަބުގެ އެންމެ ވަރުގަދަ ސަޕޯޓަރުންގެ ގްރޫޕް ކަމަށްވާ "ޕީއެސްޖީ އަލްޓްރާސް"އިން ކްލަބުގެ ވެރިޔާ ނާސިރް އަލް ހަލީފީގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.
އަލްޓްރާސްއިން ނާސިރުގެ އިސްތިއުފާއަށް ގޮވާލީ މިދިޔަ ހަފުތާ ތެރޭ ޕީއެސްޖީން ޗެމްޕިއަންސް ލީގުން ކެޓުމާ ގުޅިގެންނެވެ. ޕީއެސްޖީން މިފަހަރުގެ ޗެމްޕިއަންސް ލީގު ނެގުމަށް ވަރަށް ބޮޑެތި ހަރަދުތައް ކޮށް ޓްރާންސްފާ މާކެޓުގައި ބުރަކޮށް މަސައްކަތް ކޮށްފައިވެއެވެ. ލިއޮނަލް މެސީއާއި ސާޖިއޯ ރާމޯސްގެ އިތުރުން ޖިއާންލުއީޖީ ޑޮނަރޫމާ ފަދަ ކުޅުންތެރިންވެސް މި ސީޒަނަށް ޕީއެސްޖީއަށް ގެންގޮސްފައިވާ އިރު، ސަޕޯޓަރުން އުންމީދުކުރީ ތަށްޓަށެވެ.
އެކަން ހާސިލު ނުވުމުން ޕީއެސްޖީގެ ސަޕޯޓަރުން އެކިއެކި ގޮތް ގޮތުން ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށްވެސް ފާޑު ކިޔައިފައިވާ އިރު، މެސީއާއި ނޭމާ ފަދަ ކުޅުންތެރިންނަށްވެސް ވަނީ ފާޑު ކިޔުން އަމާޒުކޮށްފައެވެ.
ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓުމާއެކު އަލްޓްރާސްއިން ވަނީ ބަޔާނެއް ނެރެފައެވެ. ބަޔާނުގައި މައިގަނޑު ގޮތެއްގައި ސުވާލު އުފައްދާފައި އޮތީ ނަސީރުގެ ހިންގުންތެރި ކަމަށެވެ.
"ގަބޫލުކުރަން އުނދަގޫ، ހަޖަމް ކުރަން އުނދަގޫ ބައްޔަކާ ކުރިމަތިލާން ޖެހިއްޖެ. ޑޮމެސްޓިމް މުބާރާތްތައް ލަސްކޮށް ފަށައި، ލީގުގައި ރަނގަޅު ކުޅުމެއް ނުފެނި، ބޮޑެތި ޓީމުތައް ބަލިކުރޭވެނެ ގޮތެއް ނޭނގެ. ގޭމް ޕްލޭން ރަނގަޅުވާނީ ކިހިނެއް؟ ސްކޮޑަކީ ހަމައެކަނި ތަރިންތަކެއް، އެކަކު އަނެކަކަށް ތައުރީފުވެސް ނުކޮށްލެވޭ. ކޯޗަށް އިހުތިރާމް ކުރާނީ ކިހިނެއް؟ ކޯޗަކީ ގޮތް ނިންމާ މީހާ ނޫން ކަން އެންމެންނަށްވެސް އެނގޭ. ސްކޮޑު ވަރުގަދަ ކުރެވޭނެ ގޮތެއް ނޫން ބެންޗާއެކު ހިތްފުރޭ ވަރުގެ މުސާރަތައް ދިނުމަކީ،" ޕީއެސްޖީގެ އަލްޓްރާސް އާންމުކުރި ބަޔާނެއްގައިވެއެވެ.
އެ ބަޔާނުގެ ފަހު ބައިގައި ބުނީ ނަސީރަކީ ޕީއެސްޖީއަށް އެކަށޭނެ ރައީސް ނޫން ކަމަށާއި، ވަގުތުން އިސްތިއުފާދީ ކްލަބުގެ އަސްލު ރޫހު ހިފަހައްޓާ ރައީސަކަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ކްލަބު ދެކެ ލޯބިވާ، ކްލަބު ގާތުން ހިންގޭނެ ރައީސެއް ބޭނުންވާ ކަމަށްވެސް އަލްޓްރާސްއިން ބުންޏެވެ.
ގަތަރުގެ ސްޕޯޓްސް އިންވެސްޓްސްމަންޓުން ޕީއެސްޖީ ގަތީ 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން މިއަދާ ހަމައަށް ބޮޑެތި ހަރަދުތަކެއް ކޮށްވެސް ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ނުނެގި އޮތުމަކީ ކްލަބަށް ލިބިފައިވާ އެންމެ ބޮޑު މާޔޫސް ކަމެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ