ހުޅަނގު ޔޫރަޕުގެ ވަރަށް ގިނަ ގައުމުތަކުގައި އަދިވެސް އޮންނަނީ ރަސްކަމެކެވެ. މިފަދަ އެއް ގައުމަކީ ޑެންމާކެވެ. ޑެންމާކުގެ ޝާހީ ގަނޑުވަރުތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް ގަނޑުވަރު ކަމަށްވާ ޝާލޮޓެންލުންޑް ގަނޑުވަރު ވިއްކާލަން އެތާގެ ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ.

ޝާލޮޓެންލުންޑް ގަނޑުވަރު މިހާރު ބަލަހައްޓަނީ ޑެންމާކުގެ ގަދީމީ ގަނޑުވަރުތަކާއި އާސާރުތަކާ ބެހޭ ސަރުކާރުގެ އިދާރާޔާއި އެ ގަނޑުވަރު ހިމެނޭ ގެންޓޮފްޓޭ ސަރަހައްދުގެ ކައުންސިލް ގުޅިގެންނެވެ. އެހެންނަމަވެސް ގުޅިގެން ފައިދާކުރަނިވި ގޮތަކަށް މިކަން ކުރާނެ އުސޫލަކާމެދު ބޮޑެތި ޚިލާފުތަކެއް އުފެދުމުން ގަނޑުވަރު ވިއްކާލަން ސަރުކާރުން ނިންމީއެވެ.

ޝާލޮޓެންލުންޑް ގަނޑުވަރަކީ ދެ ގައުމެއްގެ ދެ ރަސްކަލަކު އުފަންވި ގަނޑުވަރުވެސްމެއެވެ. ޑެންމާކުގެ ރަސްގެފާނު ކްރިސްޓިއަން ދިހަވަނަޔާއި ނޯވޭގެ ރަސްގެފާނު ހާކޮން ހަތްވަނަ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ މިގަނޑުވަރުގައެވެ. ކުރިން މިއީ ޑެންމާކުގެ ރަސްރަސްކަލުން ހޫނުމޫސުމުގައި ތިއްބަވާ ެރަސްމީ ގަނޑުވަރެވެ.

ފަހަކަށް އައިސް މި ގަނޑުވަރަކީ ރަސްކަމުގެ އާއިލާޔާއި ބެހުމެއް ހުރި ތަނެއް ނޫނެވެ. މި ގަނޑުވަރާއި ގަނޑުވަރުގެ ބަގީޗާތަކާއި އެބިމުގައި ހުރި އެހެން ފަސް އިމާރާތްވެސް ސަރުކާރުން ވަނީ ކުއްޔަށް ދޫކުރާ ތަންތަންކަމުގައި ހަދައިފައެވެ. އަމިއްލަ މީސްމީހުންނާއި ކުންފުނިތަކުގެ އޮފީސްތައް އެ ގަނޑުވަރުގައި ހިންގައެވެ. ކައިވެނި ޕާޓީފަދަ ޕާޓީތައްވެސް ގަނޑުވަރުގެ އެކި މާލަންތަކުގައި ބާއްވައެވެ. އަދި ދާރުލްއާސާރެއްގެ ގޮތުގައި ޓޫރިސްޓުންނަށްވެސް މިގަނޑުވަރު ހުންނަނީ ހުޅުވައިލައިފައެވެ.

ޝާލޮޓެންލުންޑް ކާސަލް ވިއްކާލައިފިނަމަ މިހުރިހާ ކަމެއް ހުއްޓުމަކަށް އައިސް ގަންނަ ފަރާތުގެ އަމިއްލަ މިލްކަކަށް ވާނެއެވެ. އެހެންވީމާ ޑެންމާކާއި ނޯވޭގައިވެސް މި ގަނޑުވަރުގެ މުސްތަގުބަލާމެދު ވަނީ ވިސްނުން އިތުރުވެފައެވެ. އޭގެ ސަބަބަކީ މިގޮތަށް ވިއްކައިލެވޭ ހުޅަނގު ޔޫރަޕުގެ ކުރީގެ ޝާހީ ގަނޑުވަރުތައް އާއްމުގޮތެއްގައި ގަންނަނީ އަރަބި ގައުމުތަކަށް ނިސްބަތްވާ މަހުޖަނުންނާއި ރަޝިޔާގެ މަހުޖަނުން ކަމަށް ވުމުންނެވެ.