ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ ދެ ދައުވާގައި، ހެކި ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް މިއަދު ދީފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއްކޮށްފައިވެއެވެ. އެއީ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާ ކުރިމިނަލް ކޯޓަށް ބަލަިގެންފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ މަނީލޯޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާ ނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.

ގިނަ ދުވަސްތަކަކަށްފަހު މިމައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، މިފަހަރު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ގާޒީ އަލީ އާދަމްއެވެ. އެންމެ ފުރަތަމަ އެ މައްސަލަ ބައްލަވަމުން ގެންދެވީ، ކުރިމިނަލް ކޯޓިގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް އޭނާ ގާޒީކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން އެ މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ހަސަން ސައީދެވެ.

މިއަދާ ހަމައަށް އައިއިރު މި މައްސަލަ އޮތީ އިބުތިދާއީ މަރުހަލާ ނިމުމުގެ މަރުހަލާގައެވެ. ނަމަވެސް މި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ނުގެންގޮސް ގިނަދުވަސްތަކެއް ވެފައިވާތީ، ދައުލަތާއި އާޒިމާގެ ފަރާތުން އެދުނު ގޮތަށް މި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަކީ، މައްސަލައިގެ އިބުތިދާއީ އަޑުއެހުންތައް ފަށައިގެން ކުރިއަށް ގެންދިއުމެވެ.

އެގޮތުން މިއަދުގެ އަޑުއެހުމުގައި އޮތީ އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާ އިއްވުމެވެ. މި ދެދައުވާ އަޑުއިއްވުމުން، ކުރިއެކޭވެސް އެއްގޮތަށް އާޒިމާ ވަނީ މި ދެދައުވާއަށް އިންކާރު ކުރައްވައިފައެވެ.

އެހެންކަމުން މިއަދުގެ އަޑުއެހުން ނިންމަވައިލެއްވީ މައްސަލައިގެ ހެކި ހުށަހެޅުމަށް ދެ ފަރާތަށްވެސް 10 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ.