ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އެގޮތަށް ބުނެފައިވަނީ، އދ. މަހިބަދޫގައި އިއްޔެ ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި އުތުރުތިލަފަޅުގައި ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑާ ގުޅޭގޮތުން ދެއްކި ވާހަކައަށް ރައްދުދެމުންނެވެ.
ޑިފެންސް މިނިސްޓްރީ މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތް ކަމަށެވެ. އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައިވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާނެ ކަމަށްވެސް ބުންޏެވެ.
"އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ދިވެހި ގައުމީ ދިފާއީ ބާރުގެ ބޭނުންތަކަށް އަމާޒުކޮށް ގަައުމީ ދިފާއީ ބާރުން ފަރުމާކޮށް ދިވެހި ސިފަައިންގެ ގާބިލުކަން އިތުރުކުރުމަށް ތަަރައްގީ ކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް ތަނެއް. އެތަނަށް ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާނެ ބަނދަރެއް،" ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މަހިބަދޫގައި އިއްޔެ ބޭއްވި ހަރަކާތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ، ދިވެހި ސަރުކާރުން ކަންކަން ކުރަމުންދަނީ އިންޑިއާގެ ސަފީރު އަންގަވާ ގޮތަށް ކަމަށާއި އެހެންކަމުން ރާއްޖޭގައި ހުންނަ އިންޑިއާ ޑިޕްލޮމެޓް އޮފީސްތަކާއި އިންޑިއާގެ މުޅި ސިޔާސީ ވިސްނުން ރާއްޖެއިން ބޭރުވާންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި އިންޑިއާ ސިފައިން މިހާރު ރާއްޖެއަށް ހުރިހާ ބާވަތެއްގެ ހަތިޔާރު އެތެރެކޮށްފައިވާ ކަމަށާއި ނޫސްވެރިން އެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް އެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޖަވާބު ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެހެން ގައުމުތަކުގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރީން ހޯދަންޖެހޭ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމި އޮންނާނެ ސިޔާދަތީ ހައްގެއް ނުވަތަ ސޮވެރިން ރައިޓްސްއެއް ކަމަށެވެ.
އެހެންކަމުން ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް އައުމުގައި ދިވެެހި ދައުލަތުގެ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި އެ ބަނދަރަށް ވަންނަން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ދައްކާފައިވާ ދޮގު ވާހަކަތަކެއް ކަމަށެވެ.
މިނިސްޓްރީން އިތުރަށް ވަނީ، ރާއްޖޭގެ ގައުމީ ސަލާމަތާއި ރާއްޖޭގެ އަމާންކަމާއި ސުލްހަމަސަލަސްކަން ގެއްލުވާލައި ދިވެހި އަސްކަރިއްޔާގެ ނަޒާހަތްތެރިކަން ގެއްލުވާލައި ސިފައިންގެ އަގުވައްޓާލަން ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު