ޖަރުމަނުގެ ބްރޫޝިއާ ޑޯޓުމަންޑަށް ކުޅެމުން އަންނަ ވިދުންގަދަ ފޯވަޑް، ނޯވޭގެ އާލިން ހާލަންޑް ގެންދަން މެންޗެސްޓާ ސިޓީން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.
މިވަގުތު ޔޫރަޕްގައި ހުރި އެންމެ ވަރުގަދަ ފޯވަޑް ހާލަންޑް ސިޓީއަށް ދާން އެއްބަސްވެފައިވާ ކަމަށް އެކްސްކްލޫސިވްކޮށް ރިޕޯޓު ކޮށްފައި ވަނީ ޑެއިލީ މެއިލްއިންނެވެ. އެ ނޫހުން ހަވާލާ ދީފައިވަނީ ޖަރުމަނުގައި ހާލަންޑްގެ ޓްރާންސްފާގެ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތަކާއެވެ. ހާލަންޑް ގެންދަން ސިޓީން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޑެއިލީ މެއިލްއާ ހަވާލާދީ، ސްކައި ސްޕޯޓްސް އަދި ބީބީސީ ސްޕޯޓްސްއިންވެސް ވަނީ ރިޕޯޓު ކޮށްފައެވެ.
ޑެއިލީ މެއިލްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އުމުރުން 21 އަހަރު ހާލަންޑް ގެންދަން ސިޓީއާއި ހާލަންޑްގެ އެޖެންޓާ ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެޖެންޓް މިނޯ ރައިއޯލާއެކު އެއްބަސްވުމަކަށް އައިސް، ސިޓީންވެސް ލިޔެކިޔުންތައް ތައްޔާރުކުރަމުންދާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ހާލަންޑް މިހާރު ކުޅެމުންދާ ކްލަބު ޑޯޓުމަންޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ރިލީސް ފީއަކީ 63 މިލިއަން ޕައުންޑެވެ. ސިޓީން ހާލަންޑް ގެންދަން ޑޯޓުމަންޑަށް އެ ރިލީސް ފީ ދެއްކުމުގެ އިތުރުން އެޖެންޓް ފީއަށް ބޮޑު އެއްޗެއް ދައްކާނެ ކަމަށް ބެލެވެއެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ހުރިހާ ފީތަކާއެކު ބޯނަސްވެސް އެކުވެގެން ހާލަންޑްގެ ޓްރާންސްފާގެ އަގު 100 މިލިއަން ޕައުންޑަށްވުރެ އިތުރު ވާނެއެވެ.
ހާލަންޑް ސިޓީއަށް ދާން އެއްބަސްވި ކަމަށް ނޫސްތަކުން ބުނެފައިވީ ނަމަވެސް، އަދިވެސް ހާލަންޑް ހޯދަން ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި ޕީއެސްޖީންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ފަހު ވަގުތުވެސް ބޮޑެތި ބިޑުތަކާއެކު ހާލަންޑް ގެންދަން ކްލަބުތަކުން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.
އެ ކްލަބުތަކުން މަސައްކަތް ކުރި ނަމަވެސް މިހާރު ބެލެވޭ ގޮތުގައި ހާލަންޑް ދާނީ ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއަށެވެ. ސިޓީއަށް ފޯވަޑެއް ބޭނުންވާ ކަމަށް ގާޑިއޯލާ ތަކުރާރުކޮށް ބުނެފައިވާ އިރު، ނިމިދިޔަ ޓްރާންސްފާ ސީޒަންގައި ހެރީ ކޭން ގެންދަންވެސް ގާޑިއޯލާ މަސައްކަތް ކުރިއެވެ.
ސިޓީއަކީ ހާލަންޑްގެ ބައްޕަ އެލްފީ ހާލަންޑްވެސް ކުޅެފައިވާ ކްލަބެކެވެ. 2000 ވަނަ އަހަރުން 2003 ވަނަ އަހަރާ ހަމައަށް ހާލަންޑް ސިޓީއަށް ކުޅެފައިވާ އިރު، އެ ކްލަބު ދޫކޮށް އެލްފީ ދިޔައީ ބޮޑު އަނިޔާއެއްގެ ސަބަބުންނެވެ. އެ އަނިޔާގެ ސަބަބުން އެލްފީގެ ޕްރޮފެޝަނަލް ކެރިއަރު ހުއްޓުމަކަށް އައި އިރު، އޭގެ ފަހުން ދެން ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެފައެއް ނުވެއެވެ.
އެލްފީގެ ދަރިފުޅު، އާލިން ހާލަންޑަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. 2019 ވަނަ އަހަރު އޮސްޓްރިއާގެ ރެޑްބުލް ސާލްސްބާގުން ހާލަންޑް ވިދާލީ އެ ސީޒަނުގައި ކުޅުނު 16 މެޗުގައި 17 ގޯލު ޖަހައިގެންނެވެ. 2020 ވަނަ އަހަރު ޑޯޓުމަންޑަށް ބަދަލުވެ މިހާތަނަށް ހާލަންޑް ވަނީ 57 މެޗު ކުޅެގެން 56 ގޯލު ޖަހައިފައެވެ. އޭނާއަކީ 2020-21 ވަނަ އަހަރުގެ ސީޒަންގައި ޖަރުމަނު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ. ހަމަ އެ ސީޒަންގައި ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ފޯވަޑުގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް