ޚަބަރު

އިންޑިއާ އައުޓް ކެމްޕެއިނަށް ޔާމީން މަހިބަދުއަށް

އިންޑިއާ އައުޓް" ހަރަކާތަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އދ. މަހިބަދުއަށް ފުރާ ވަޑައިގެންފިއެވެ.

އެމަނިކުފާނު އިސްވެ ހުންނަވައި ހިންގަވާ އިންޑިއާ އައުޓް ކެމްޕެއިނަށް މަހިބަދުއަށް ފުރާވަޑައިގެންފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

އަރިހުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމް އަދި ކުރީގެ ބައެއް މިނިސްޓަރުންނާއި ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން ބަައިވެރިވަޑައިގަންނަވައެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވިީ މިއަދު ހަވީރު މަހިބަދޫގައި ބާއްވާ އިންޑިއާ އައުޓް ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތްތައް މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް އަންނަނީ ފުޅާ ދާއިރާއެއްގައި ބާއްވަމުންނެވެ. އެގޮތުން ޖަލުން މިނިވަންވެވަޑައިގެން ރައީސް ޔާމީން އަންނަނީ އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީން ވަނީ ށ. އަތޮޅާއި ރ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ގއ. އަތޮޅަށްވެސް ވަޑައިގެންފައެވެ.

އިދިކޮޅުން އިންޑިއާ އައުޓް ކެމްޕެއިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުރިއަށް ގެންދާއިރު، މަޖިލީހުގެ 241 ކޮމިޓީން އަންނަނީ އެމައްސަލަ ދިރާސާ ކުރަމުންނެވެ. ނަމަވެސް އިދިކޮޅުން ވަނީ އެހަރަކާތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.