ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ބޮޑެތި ފިޔަވަޅުތަކެއް އަޅައިފިއެވެ. ޔަގީނުންވެސް އެ ފިޔަވަޅުތަކުގެ އަސަރު އެންމެ ބޮޑަށް ކުރީ އިނގިރޭސިވިލާތުގައި އޮތް އަބްރަމޮވިޗްގެ މިލްކް، ޗެލްސީއަށެވެ. އިނގިރޭސި ސަރުކާރުން އަބްރަމޮވިޗަށް އެޅި ފިޔަވަޅުތަކާއެކު އިނގިރޭސިވިލާތުގައި ހުރި އަބްރަމޮވިޗްގެ ހުރިހާ ވިޔަފާރި އެސެޓްތައް ވަނީ ފްރީޒް ވެފައެވެ. ރަޝިއާއިން ޔޫކްރެއިންގައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅީ، އަބްރަމޮވިޗަކީ ރަޝިއާގެ ރައީސް ވްލަޑިމީއާ ޕުޓިންގެ އޮލިގާކީގައި ހިމެނޭ ގާތް ވިޔަފާރިވެރިއަކަށް ވާތީއެވެ.

އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށް ބަލައި، މާކުރިންވެސް ކްލަބު ވިއްކާލަން އިއުލާންކޮށް އެ ކަމަށް މަސައްކަތް ކުރި ނަމަވެސް، ފިޔަވަޅުތަކުގެ ކުރިން އެކަން ކަމިޔާބު ނުވުން ވެގެންދިޔައީ ޗެލްސީއަށް ނުތަވަސްކަން ވެރިވި ކަމަކަށެވެ. ކްލަބުގެ ހިންގުން އެކުގައި ނުހުއްޓުނު ނަމަވެސް، ދަތިތައް ބޮޑުވެ، ކްލަބަށް ވަނީ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ. 2003 ވަނަ އަހަރު އަބްރަމޮވިޗް ޗެލްސީ ގަތް ދުވަހުން ފެށިގެން މިއަދާ ހަމައަށް އައި އިރު، މިއީ ކްލަބަށް އެންމެ އަތްމަތި ދަތިވި ވަގުތެވެ.

އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޑިޖިޓަލް، ކަލްޗާ، މީޑިއާ އެންޑް ސްޕޯޓްސް ނަޑީން ޑޮރީސް ވިދާޅުވި ގޮތުގައި އިނގިރޭސި ސަރުކާރުގެ ފޯކަސް ހުރީ "ޗެލްސީއާއި ޗެލްސީ ސަޕޯޓަރުން ހިމާޔަތް ކުރުމަށް،" ކަމަށެވެ. ސަރުކާރުން އަބްރަމޮވިޗަށް ފިޔަވަޅު އަޅަން ނިންމީ " އެތަކެއް އަހަރުތަކެއް ވަންދެން،" ރަޝިއާގެ ރައީސް ޕުޓިންއާ އެކު ދަމަހައްޓަމުން އައި ގުޅުމަށް ބަލައިފައި ކަމަށްވެސް ނަޑީން ވިދާޅުވިއެވެ. ފިޔަވަޅު ގުޅެނީ ރަޝިއާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާއެވެ.

ޗެލްސީއަކީ އަބްރަމޮވިޗްގެ އެސެޓެއް ކަމުން "ޗެލްސީ އޮތީ ފްރީޒް" ވެފައެވެ. އެހެންނަމަވެސް އެ ކްލަބުގެ ދުވަހުން ދުވަހު ކަންކަން ހުއްޓުނަ ނުދިނުމަށް އިނގިރޭސި ސަރުކާރުން ވަނީ ހާއްސަ ހުއްދައެއް ދީފައެވެ. އެހެންކަމުން ތާށި ބަޖެޓެއްގައި ނަމަވެސް ޗެލްސީ ދުވަހުން ދުވަހަށް އޮޕަރޭޓް ކުރާނެއެވެ. ޗެލްސީގެ ފުރާޅުގެ ދަށުގައިވާ ހުރިހާ މުވައްޒަފުންނާއި ކުޅުންތެރިން އަދި ކޯޗުންނަށްވެސް މުސާރަތައް ދީ، މުސާރައިގެ ގޮތުގައި ދޭން ޖެހޭ ބޯނަސް ފަދަ ފައިސާ ދޭން ޗެލްސީ އަތުގައި އަދިވެސް ކޮންޓްރޯލް އެބައޮތެވެ.

އޭގެ އިތުރުންވެސް ޗެލްސީގެ މެޗުތަކަށް ދަތުރު ކުރުމަށްވެސް ވަކިން ހާއްސަ ބަޖެޓެއް ކަނޑައަޅައި، ކްލަބު ދަތުރު ކުރުމަށްވެސް ސަރުކާރުގެ ލައިސަންސުން ހުއްދަ ދެއެވެ. ދަތުރުތަކަށް ދޭނެ ފައިސާގެ ތަފްސީލަށް ފަހުން ބަލައިލަމާ ހިނގާށެވެ. މިހާރު އޮތް ހާއްސަ ލައިސަންސް ސަރުކާރުން ޗެލްސީއަށް ދީފައި ވަނީ ސީޒަންގެ ނިޔަލަށް ކަން ހަނދާން ކޮށްލުން މުހިއްމެވެ.

ޗެލްސީގެ މާޗެންޑައިސް ވިއްކާ ރަސްމީ ފިހާރަތައް ބަންދު ކޮށްފިއެވެ. ސަޕޯޓަރުންނަށް ޖާޒީ ވިއްކުންވެސް ހުއްޓާލައިފިއެވެ. އޭގެ އިތުރުން ޓިކެޓް ކަންތައް އޮތީ މާ ގޯސްކޮށެވެ. ރޭ ކުޅުނު މެޗަށްފަހު ދެން ޗެލްސީން ކުޅޭނެ މެޗުތަކަށް ވަދެވޭނީ ހަމައެކަނި "ސީޒަން ޓިކެޓް ހޯލްޑަރުން" ނަށެވެ. އެ ސަޕޯޓަރުންގެ އިތުރުން ދެން ޗެލްސީގެ ދަނޑަށް ސަޕޯޓަރުންނަށް ނުވަދެވޭނެއެވެ.

ޗެލްސީގެ ޓިކެޓް ވިއްކުން މަނާކޮށްލުމާއެކު މިމަހު މިޑްލްސްބްރާއާ ދެކޮޅަށް ކުޅެން އޮތް އެފްއޭ ކަޕް މެޗުގެ ޓިކެޓް ވިއްކުން ޗެލްސީން ވަނީ އިއްޔެ ހުއްޓާލައިފައެވެ. ސަރުކާރުގެ ފިޔަވަޅުތަކާއެކު މިހާރު އޮތް ގޮތުން ޗެލްސީއަށް ހާއްސަ ހުއްދައެއް ދީފައި ވަނީ ސީޒަން ނިމެންދެނެވެ. ދެން އޮތް ސުވާލަކީ އަންނަ ސީޒަނަށް ސަޕޯޓަރުންނަށް ޓިކެޓް ގަނެވޭނެތޯ އޮތް ސުވާލެވެ. އަދި އޮތް ގޮތުން ނުގަނެވޭނެއެވެ. ސީޒަން ޓިކެޓެއްވެސް ނުވިއްކޭނެއެވެ. އެހެން ނަމަވެސް ސީޒަނަށް ފަހު އިތުރު ގޮތަކަށް އިނގިރޭސި ސަރުކާރާ ޗެލްސީ ވާހަކަ ދެއްކުން އެކަށީގެން ވެއެވެ.

އެއްބަސްވުންތައް އާ ނުކުރެވުމުގެ އިތުރުން ޗެލްސީއަށް އާ ކުޅުންތެރިން ގެނައުންވެސް މަޑު ޖައްސާލަން ފިޔަވަޅުތަކުގައި ބުނެފައިވެއެވެ. އެހެންކަމުން އިއްޔެއިން ފެށިގެން ޗެލްސީ އޮތީ "ޓްރާންސްފާ ބޭން" އެއްގައެވެ. މި ސީޒަންގެ ނިޔަލަށް އެއްބަސްވުން އާކުރަން ތައްޔާރުވެފައިވާ ކުޅުންތެރިންނަށް ވާނެ ގޮތެއް އަދި ނުނިމި އޮތް ނަމަވެސް، ފިޔަވަޅުތަކުގައި ވާ ގޮތަށް ސީޒަން ނިމެންދެން އަމަލުކުރާނަމަ ޗެލްސީއަށް ޖެހޭނީ އެކުޅުންތެރިން ދޫކޮށްލާށެވެ.

ސީޒަން ނިޔަލަށް ޗެލްސީގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތް ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާއާއި އެންޓޯނިއޯ ރުޑިގާ، އަދި ޑެންމާކު އަންދްރޭސް ކްރިސްޓިއެންސަން ހިމެނެއެވެ. ބެލެވޭ ގޮތުގައި އޭގެ ތެރެއިން ރުޑިގާގެ އެއްބަސްވުން އާކުރަން ޗެލްސީން އޮތީ ތައްޔާރު ވެފައެވެ. އެހެން ނަމަވެސް އިއްޔެއާ ހަމައަށްވެސް ބެލެވިފައި އޮތީ ކްރިސްޓިއަންސަންއާއި އަޒްޕިލިކިއެޓާ މި ސީޒަނަށްފަހު ކްލަބު ދޫކޮށް ދާނެ ކަމަށެވެ.

ދެން އޮތީ ކޯޗުންގެ ވާހަކައެކެވެ. އަންހެން ޓީމުގެ ކޯޗު އެމާ ހަޔެސްއާއި ފިރިހެން ޓީމުގެ ކޯޗު ތޯމަސް ޓުޗެލްއަށްވެސް އަދި ބަރާބަރަށް މުސާރަ ހިނގަމުންދާ އިރު، އެ ކޯޗުން ކްލަބު ދޫކޮށްލަން އަދި ބޭނުން ނުވާ ކަމަށް ބެލެވެއެވެ. ރޭ ނޯވިޗާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗުގެ ކުރިން ވާހަކަ ދައްކަމުން ޓުޗެލް ބުނެފައި ވަނީ "ޗެލްސީގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި، ކްލަބުގެ ކަންކަން އުނދަގޫ ހާލަތެއްގައި އޮތް ނަމަވެސް، ޗެލްސީ ފަދަ ވަރުގަދަ ޓީމެއްގައި ހުރުމަކީ ލިބޭ ޝަރަފެއް ކަމަށެވެ."

އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށް ބަލައި، މިމަހުގެ ދެވަނަ ދުވަހު ޗެލްސީ ވިއްކާލަން ބިޑަށް ހުޅުވާލިއެވެ.

ކްލަބު ވިއްކާލަން އިއުލާންކޮށް އެ ކަމަށް މަސައްކަތް ކުރި ނަމަވެސް، ފިޔަވަޅުތަކުގެ ކުރިން އެކަން ކަމިޔާބު ނުވެ އޮތުން އެއީ ޗެލްސީއަށް ދަތިތަކާ ކުރިމަތިވި އެއް ސަބަބެވެ.

ޗެލްސީ ގަންނަން ހުށަހަޅާ ބިޑްތައް ދިރާސާކޮށް، ޗެލްސީ ވިއްކާލުމުގެ ކަންކަން އަބްރަމޮވިޗް ހަވާލު ކޮށްފައި ވަނީ އެމެރިކާގެ ރައިނޭ ގްރޫޕާއެވެ. އަބްރަމޮވިޗް ކިޔާފައިވާ އަގަކީ ތިން ބިލިއަން ޕައުންޑެވެ. އަބްރަމޮވިޗްގެ ފަރާތުން ނިންމާފައިވާ ގޮތުގައި ޗެލްސީ ވިއްކާލައިގެން ހޯދާ ފައިދާ އޭނާ ހޭދަކުރާނީ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށެވެ. އަބްރަމޮވިޗް ޗެލްސީއަށް ދީފައިވާ 1.5 ބިލިއަން ލޯނު، ކްލަބު ވިއްކާލުމަށްފަހު ކްލަބުން އޭނާ އަނބުރާ ނުނަގާނެ ކަމަށްވެސް އަބްރަމޮވިޗް ވަނީ ބުނެފައެވެ.

ޗެލްސީއަށް އިއްޔެ އެޅި ފިޔަވަޅުތަކާއެކު ކްލަބު ވިއްކާލުމުގެ މަރުހަލާއަށް މިހާރު ވަނީ ހުއްޓުން އަރާފައެވެ. އެހެން ނަމަވެސް، އިނގިރޭސި ސަރުކާރު މެދުވެރިވެ، ކްލަބު ވިއްކާލުމުގެ ކަންކަން ފުރިހަމަ ކުރަން، ޗެލްސީއަށް ފުރުސަތެއް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އެ ފުރުސަތުގައި ޗެލްސީ ވިއްކާލާނަމަ، ޗެލްސީ ވިއްކާލައިގެން ލިބޭ އެއްވެސް ފައިދާއެއް އަބްރަމޮވިޗަށް ނުލިބޭނެ ގޮތް ހެދުމަށް ސަރުކާރުން މަޖުބޫރު ކުރާނެއެވެ.

އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކުވެސް ޗެލްސީ ހިންގަން ހާއްސަ ހުއްދައެއް ދިން އިރު، އެ ހުއްދައިގައިވާ ގޮތުން ޗެލްސީއަށް ދަތުރު ހަރަދުގެ ގޮތުގައި ކޮންމެ މެޗަކަށް ހަރަދު ކުރެވޭނީ 20،000 ޕައުންޑެވެ. ޗެމްޕިއަންސް ލީގުގައިވެސް ޗެލްސީން ކުޅޭ އިރު، އެ ފައިސާގައި ޓީމަށް ފުރިހަމައަށް ދަތުރުތައް ކުރެވިދާނެތޯ އެއީ ކްލަބުންވެސް އުފައްދާ ސުވާލެކެވެ.

ބީބީސީން ބުނެފައިވާ ގޮތުގައި އެ އަދަދަށް ފައިސާ ހޭދަކޮށްގެން ޗެލްސީއަށް ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ލިލްއާ ދެކޮޅަށް އަންނަ ހަފުތާގައި ކުޅެން އޮތް އަވޭ މެޗަށް ދާން އުނދަގޫވާނެއެވެ. އެ މައްސަލައިގައި ޗެލްސީން އަންނަނީ ސަރުކާރާ ވާހަކަވެސް ދައްކަމުންނެވެ.

ދެން އޮތީ ސްޕޮންސަރުންގެ ވާހަކައެވެ. އަބްރަމޮވިޗަށް ފިޔަވަޅު އަޅަން އެނގުމާއެކު ޗެލްސީގެ ބޮޑެތި ސްޕޮންސަރުން ދަނީ ކްލަބަށް ދީފައިވާ އެންޑޯސްމެންޓްތައް ސަސްޕެންޑް ކުރުމަށް ބަލަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ "ތްރީ" އިން ޗެލްސީއާއެކު ވެފައިވާ އެއްބަސްވުން ހުއްޓުމަކަށް ގެނެސްފައިވެއެވެ. "ތްރީ" އަކީ ޗެލްސީގެ ޖާޒީގައި ޖަހާފައިވާ އެންމެ ބޮޑު ސްޕޮންސާވެސް މެއެވެ. "ތްރީ" އާއެކު 2020 ވަނަ އަހަރުން ފެށިގެން ޗެލްސީން މަސައްކަތް ކުރަމުން އަންނަ އިރު، އެ އެއްބަސްވުމުގެ ދަށުން އަހަރަކު ކްލަބަށް 40 މިލިއަން ޕައުންޑް ވަދެއެވެ.

ޗެލްސީގެ ކިޓް ޑީލަކީ 2016 ވަނަ އަހަރުން ފެށިގެން ނައިކީއައެކު ހަދާފައިވާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ސީޒަނަކަށް ޗެލްސީއަށް 60 މިލިއަން ޕައުންޑް ވަންނާނެއެވެ. އެއްބަސްވުން މިހާރު އޮތް ގޮތުން އޮތީ ކުރިއަށް އޮތް 15 ދުވަހަށް ދެމިގެންދާނެވެސް ގޮތަށެވެ.

މިއަހަރުން ފެށިގެން ޓްރިވާގޯއަކީވެސް ޗެލްސީގެ ސްޕޮންސަރަކަށްވާ އިރު، ކްލަބުގެ އަދި އިތުރު އެތައް ސްޕޮންސާއެއް އެބައޮތެވެ. އެ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކުން ބުނެފައި ވަނީ ޗެލްސީގެ ސްޕޮންސާޝިޕާ މެދު ގޮތެއް ނިންމަން، ކައިރިން ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ޗެލްސީގެ މުސާރަތަކާއި އެހެނިގެން ބިލްތައް ނުދެއްކޭނެ ހާލަތެއް އައިސްފިނަމަ އެ ކްލަބަށް އަދަބު ލިބި، އިދާރީ ހިންގުންވެސް ހުއްޓިދާނެއެވެ. އެފަދަ ގޮތަކަށް ކްލަބު ހުއްޓިއްޖެނަމަ، ޕޮއިންޓް އުނިކުރުމުގެ އަދަބުވެސް ދޭނެއެވެ. އެހެން ނަމަވެސް މިހާރު އޮތް ގޮތުން ސީޒަންގެ ނިޔަލަށް އުނދަގޫތަކެއް ނެތި ޗެލްސީއަށް ހިންގެން ޖެހޭނެއެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ޗެލްސީން ހަރަދުކުރަނީ 28 މިލިއަން ޕައުންޑެވެ. އެ މުސާރަ ޗެލްސީން ދެނީ ކްލަބަށް ވަންނަ އިތުރު އާމްދަނީވެސް ލައިގެން ކަމަށްވާ އިރު، މުސާރައިގައި ކޮންމެވެސް ވަރެއްގެ ތާށި ކަމެއް އައުންވެސް ގާތް ކަމަށް ދިރާސާތައް ބުނެއެވެ. އެއީ ޖޫން 2021 ގެ ތަފާސް ހިސާބަށް ބަލާއިރު، ކްލަބުގެ އެކައުންޓްތަކުގެ ޖުމްލައަކީ 16 މިލިއަން ޕައުންޑް ކަމަށް ވާތީއެވެ.

އެހެން ނަމަވެސް ކްލަބުގެ ހިންގުން ހުއްޓުނަ ނުދިނުމަށް އިނގިރޭސި ސަރުކާރު މެދުވެރިވެގެންވެސް ޗެލްސީއަށް ލުއިތަކެއް ދޭނެ ކަމަށް ބެލެވެއެވެ. އަދި ކްލަބު ވިއްކާލަން ސަރުކާރުން މަގުފަހިކޮށްދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. މިއީ ޗެލްސީގެ ފިޔަވަޅުތަކުގެ ސަބަބުން އަންނަ އެންމެ އާންމު ސުވާލުތަކުގެ ޖަވާބެވެ.