ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދައިގެން ޕޮންޒީ ސްކީމް ހިންގުމުގެ ފަހަތުގައިވަނީ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ކުންފުންޏެއްކަން ކަށަވަރުވެއްޖެއެވެ.
ޕޮންޒީ ސްކީމް ހިންގަނީ އަލްހާންގެ ހިއްސާ އޮންނަ އަދި އޭނާ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވާ "ކިންގްސް ކެޕިޓަލް ހޯލްޑިން" ނަމަކަށް ކިޔާ ކުންފުންޏެވެ. ކިންގްސް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިއްބަވަނީ އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީއެވެ. ކިންގްސް ކުންފުނިން ސޯޝަލް މީޑިއާ މެދުވެރިކޮށް ސްކީމް ހިންގަނީ ކިންގްސް ފޮރެކްސް ޓްރޭޑިންގެ ނަމުގައެވެ.
އަލްހާން އަށް މިރޭ "ވަން" ގުޅައި އެއީ އޭނާގެ ކުންފުންޏަކުން ހިންގާ ސްކީމެއްތޯ ސުވާލުކުރުމުން އޭނާ އެކަން ދޮގެއް ނުކުރައްވައެވެ. އަލްހާން ވިދާޅުވީ އޭނާގެ ކުންފުނިން އެއްވެސް ބަޔަކަށް އޮޅުވާލައި ސްކޭމްކޮށްފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ކަސްޓަމަރުން އިންވެސްޓް ކުރަން ދޭ ފައިސާ އެ ކުންފުނިން އިންޓަނޭޝަނަލް ޓްރޭޑިން ޕްލެޓް ފޯމުތަކުގައި ޓްރޭޑުކުރާ ކަމަށެވެ. އަދި އެގޮތަށް ޓްރޭޑް ކޮށްގެން ކަސްޓަމަރުންނަށް ދޭން ޖެހޭ ފައިސާ ނުދީ ނުހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކިންގްސް ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ގިނަ ބަޔަކަށް އާމްދަނީ ލިބި ރަނގަޅު ދިރިއުޅުމެއް އުޅެވެމުން އަންނަ ކަމަށެވެ. ރާއްޖެއަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ވެސް ކިންގްސް ކުންފުނި މެދުވެރިކޮށް ވަންނަކަމަށް އަލްހާން ވިދާޅުވިއެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނާ ގުޅިގެން އަލްހާން ވިދާޅުވީ ކިންގްސް ކުންފުންޏަކީ މަކާރާއި ހީލަތް ހަދަމުންދާ ކުންފުންޏެއް ނޫން ކަމަށެވެ. އެ ކުންފުނިން ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. ޓްރޭޑް ކޮށްގެން ލިބޭ ފައިސާ ޖަމާވަނީ ކިންގްސް ކުންފުނީގެ ބީއެމްއެލް އެކައުންޓަށް ކަމަށާއި އަދި ހަމަ އެ އެކައުންޓުން ކަސްޓަމަރުންނަށް ފައިސާ ވެސް ފޮނުވާ ކަމަށެވެ.
އަލްހާން ވިދާޅުވީ ކިންގްސް ކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާވަނީ ކްރިޕްޓޯ މެދުވެރިކޮށް ކަމަށްވުމުން، އެ ފައިސާގެ ސޯސްތައް ކަމާގުޅޭ އިދާރާތަކަށް ނޭނގޭނެ ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ކްރިޕްޓޯ ބޭނުންކުރާ ކަމަށާއި ރާއްޖޭގެ ކަމާގުޅޭ އިދާރާތައް އެ ފެންވަރަށް އަދި ތަރައްގީވެފައި ނުވާތީ އެކަހަލަ ޒިންމާދާރުކަން ކުޑަ ބަޔާންތައް ނެރެނީ ކަމަށެވެ.
އަލްހާން އިތުރަށް ވިދާޅުވީ ކިންގްސް ކުންފުނީގެ ޓްރޭޑިން ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިސާ ހޯދުމުގެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ. ކިންގްސް ކުންފުނީގެ އަގު ވެއްޓޭ ގޮތަށް އަމަލުކުރުމުގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގޮވައިގެން ކޯޓަށް ދާނެކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.
އެމްއެމްއޭއިން ރޭ ނެރުނު ބަޔާނުގައި ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމްތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ އެފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން އާންމުންގެ އަތުން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށެވެ. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން ކަމަށާއި އެހެންކަމުން އެފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫންކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
އެފަދަ ސްކީމްތައް ރޫޅިގެންދާ ހިސާބުން އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަށް އެފަރާތްތަކުން ދިން ފައިސާވެސް ނުލިބި، މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ސްކީމަށް ދޭ ފައިސާ އަކީ ސްކީމް ހިންގާ ފަރާތުން އަނބުރާ ނުދީފިނަމަ، ފައިސާ ޖަމާވާ ބޭންކަށްވެސް އަނބުރާ ދެވޭނެ އެއްޗެއް ނޫންކަމަށް އެމްއެމްއޭއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު