ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ލިބުމާ ގުޅިގެން އެފަދަ ސްކީމުތަކަށް ސަމާލުވުމަށް އެ އެތޯރިޓީން އިލްތިމާސްކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މިފަހުން ސޯޝަލް މީޑިއާ ހިންގި އެފަދަ ސްކީމުތަކެއް މެދުވެރިކޮށް 30 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ. އެ ޕޮންޒީ ސްކޭމް އެމްއެމްއޭގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ.

އެމްއެމްއޭއިން ބުނީ، އެފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށެވެ. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން ކަމަށާއި އެހެންކަމުން އެފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫންކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެފަދަ ސްކީމްތައް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަަށް އެފަރާތްތަކުން ދިން ފައިސާވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ސްކީމަށް ދޭ ފައިސާ އަކީ ސްކީމް ހިންގާ ފަރާތުން އަނބުރާ ނުދީފިނަމަ، ފައިސާ ޖަމާވާ ބޭންކަށްވެސް އަނބުރާ ދެވޭނެ އެެއްޗެއް ނޫންކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ ސްކީމް ހިންގާ ކުންފުނިން އެ ވިޔަފާރިކުރަނީ ވަކި އަދަދަކަށް ފައިސާ އިންވެސްޓުކުރުމުން، އެ އިންވެސްޓު ކުރާ ފަރާތަކަށް ވަކި މުއްދަތެއްގެ ތެރޭގައި އިންވެސްޓު ކުރި އަދަދަށް ވުރެ އެތައް ގުނައަކުން ބޮޑު ފައިދާއެއް ހޯދައިދޭނެ ކަމަށް ބުނެއެވެ.

އެ ސްކީމް ހިނގާ ކުންފުނިން ވަނީ އެ ކުންފުނިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ ބޭންކް އެކައުންޓް ފްރީޒްކޮށްފައިވާކަން ވެސް މިރޭ ހާމަކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ބީއެމްއެލުން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ.