ށ. ފޯކައިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ފޯކައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރެވެމުންދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށާއި ރިވެޓްމެންޓް ޖެހުމުގެ 53 ޕަސެންޓް ފުރިހަމަކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 2،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ އަގަކީ 52.7 މިލިއަން ރުފިޔާއެވެ.

ފޯކައިދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށްދާ އިރު، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖޫން މަހުގެ ކުރިން ފޯކައިދޫ ބަނދަރުގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.