ށ. ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ މަސައްކަތް ހިނގަމުންދާ ގޮތް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހިއްސާކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ހިއްކާފައިވާ ސަރަހައްދު ވަގުތީ ގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ މިހާރަށް ހިއްކާފައިވާ ސަރަހައްދު ގިރައިގެންދިޔަ ނުދިއުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވައިލުން ހިމެނޭ ކަމަށެވެ. އަދި 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނޭ ކަމަށް އެކުންފުނިން ބުންޏެވެ.

ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 249.90 މިލިއަން ރުފިޔާއަށެވެ.

ދެ ކޮމަންޑޫ ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެމަނިކުފާނު، އެ މަޝްރޫއު އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީން ވާދަކުރި ކެންޑިޑޭޓު އަދި މިހާރު އެ ދާއިރާގެ މެމްބަރު އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން އިފްތިތާހުކުރަން މިދިޔަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ކޮމަންޑުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައެވެ.