ވިލިމާލޭގައި ހަދަން ނިންމާފައިވާ 500 ހައުސިން ޔުނިޓަކީ އެ އަވަށުގެ އާބާދީ ތޮއްޖައްސަން ހިންގާ މަޝްރޫއެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ވިލިމާލޭގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއް ހިންގުމަށް ސިޓީ ކައުންސިލުން ނިންމުމުން އެ މަޝްރޫއުގެ ސަބަބުން ވިލިމާލޭގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ދެކި ވިލިމާލޭގެ ބައެއް ޒުވާނުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ވިލިމާލޭގެ މާހައުލަށް ބަދަލެއް ގެންނަން ނޭދޭ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެ މަޝްރޫއުގެ ސަބަބުން ވިލިމާލޭ ރައްޔިތުންނަށް "ނޭވާލާނެ" ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ. އަދި ތަބީއީ ގޮތުން ވިލިމާލޭގެ އާބާދީއަށް ބޮޑު ބަދަލެއް އައިސް، އެއް ގެއެއްގެ ތެރޭގައި ދިރިއުޅޭ އާއިލާތަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓަކީ ފަހަރެއްގައިވެސް ވިލިމާލެއަށް މާލެއިންނާއި އެހެން ރަށްރަށުން މީހުން ގެނެސްގެން ވިލިމާޅެ ތޮއްޖެއްސުމަށް ހިންގާނެ ޕްރޮޖެކްޓެއް ނޫން. ވިލިމާލޭގެ މަފުހޫމު ތަރައްގީކުރުމުގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެތަނުގެ ކޮންސެޕްޓް އަޅުގަނޑަށް އެނގޭ. އެހެންވީމަ މި މަޝްރޫއުގެ ބޭނުމަކީ މިހާރުވެސް ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. ދެ ކޮޓަރީގައި ހަތަރު ފަސް އާއިލާއެއް އުޅެމުން ދިއުމުގެ ބަދަލުގައި ތިން ކޮޓަރީގެ އެޕާޓުމަންޓަކަށް އެއް އާއިލާ ބަދަލުވެ ހަމަޖެހިލައިގެން ދިރިއުޅުން. ނޭވާލާނެ ފުރުސަތެއް ދިނުން." މުއިއްޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދަޅުވީ މި މަޝްރޫއުގެ ބޭނުމަކީ އާބާދީ ފަސޭހަ ގޮތަކަށް ބަހައިލުމަށް ފުރުސަތު ދިނުން ކަމަށާއި ނަމަވެސް ސަރަހައްދު ބަދަލްވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ވިލިމާލޭގައި އަންހެނުންނަށް ހާއްސަ މާރުކޭޓެއް އަޅަން ނިންމާފައިވާ ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ އެ މާރުކޭޓަކީ ހަމައެކަނި އަންހެނުން ހިންގާ މާރުކޭޓެއް ކަމަށާއި އެތަނުގައި ވިއްކާނީ ތަރުކާރީއާއި މޭވާގެ އިތުރުން ގޭތެރޭގައި އަންހެނުން ތިބެގެން ތައްޔާރުކުރާ ތަފާތު އެކި ބާވަތުގެ އެއްޗިހި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެ މާރުކޭޓުގައި އެއްޗިހި ވިއްކަން ތިބޭއިރު ދަރިން ގެނެސް ބައިތިއްބާނެ ކުޅޭނެ ތަނެއްވެސް ހަދާނެ ކަމަށް ވިދާޅުވިއެވެ.