ރަޝިއާގެ ޒެނިތު ޕީޓާސްބާގުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި ޔޫކްރެއިން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އަނަޓޮލީ ޓައިމޮޝްޗަކް، ރަޝިއާއާ ދެކޮޅަށް ވާހަކަ ނުދައްކާތީ ފިޔަވަޅު އަޅާނެ ކަމަށް ޔޫކްރެއިންގެ ފުޓުބޯޅަ އިދާރާއިން ބުނެފިއެވެ.
އުމުރުން 42 އަހަރުގެ ޓައިމޮޝްޗަކަކީ 2017 ވަނަ އަހަރުން ފެށިގެން ރަޝިއާ ކްލަބު ޒެނިތުގެ ކޯޗެވެ. ޒެނިތުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރެ، ރަޝިއާއިން ޔޫކްރެއިނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް ވާހަކަ ދައްކާފައި ނުވާތީ، ޓައިމޮޝްޗަކްގެ ކޯޗިން ލައިސަންސް ބާތިލުކޮށް އޭނާއަށް އެފްއޭއިން އަރުވާފައިވާ ޝަރަފުތައް އަނބުރާ ގެންދަން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ކްލަބުތަކާއެކު ހޯދާފައިވާ ރަން މެޑަލްތަކުގެ ޝަރަފު ނެގުންވެސް ހިމެނެއެވެ.
"ހަމަ ބުއްދީގައި ހުރެ ޒެނިތުގެ ކޯޗުކަމުގައި އިތުރަށް މަޑުކުރުމަކީ އަމިއްލަ ވަޒަނަށް ކުރެވޭ ބޭ އިންސާފެއް. ރަޝިއާއިން ޔޫކްރެއިންއާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، މިލިޓަރީ ހަމަލާތައް ދީފައިވާ އިރުވެސް ރަޝިއާއާ ދެކޮޅަށް ޓައިމޮޝްޗަކް ވާހަކަ ދައްކާފައެއް ނުވޭ. ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ޓައިމޮޝްޗަކް ފާޅުގައި ބަޔާނެއް ނެރެން ދެކޮޅު ހަދާފައިވާ އިރު، މިވަގުތު ރަޝިއާ ކްލަބެއްގެ ވަޒީފާގައި ހުރުން އެއީ ގައުމަށް ގައްދާރުވުން،" ޔޫކްރެއިން އެފްއޭއިން ނެރުނު ބަޔާނުގައި ވެއެވެ.
ޔޫކްރެއިންގެ ގައުމީ ޓީމަށް 144 މެޗު ކުޅެދިން ޓައިމޮޝްޗަކްއަކީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާއެވެ. 2000 ވަނަ އަހަރުން 2016 ވަނަ އަހަރާ ހަމައަށް އޭނާ ގައުމީ ޓީމަށް ކުޅެފައިވާ އިރު، އޭނާއަކީ އެގައުމު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.
ޓައިމޮޝްޗަކް ވަނީ ރަޝިއާގެ ޒެނިތާއި ޔޫކްރެއިންގެ ޝަކްޓާ ޑޮނެސްކްގެ އިތުރުން ބަޔާންއަށްވެސް ކުޅެ ކާމިޔާބީތައް ހޯދައިފައެވެ. އަދި އޭނާއަކީ 2012-13 ވަނަ އަހަރު ބަޔާނުން ޓްރެބަލް ހޯދި ޓީމުގެ ކުޅުންތެރިއެއްވެސް މެއެވެ. 2016 ވަނަ އަހަރު ޔޫރޯއަށް ޔޫކްރެއިން ނުކުތީ ޓައިމޮޝްޗަކްގެ ކެޕްޓަން ކަމުގެ ދަށުންނެވެ.