އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗު މާޒިޔާއިން ފަހަތުން އަރައި ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި މާޒިޔާ މޮޅުވި ގޯލު އެޓީމަށް ޖަހައިދިނީ ޓަނާ ޑޮމިނިގޭޒްއެވެ.

މާޒިޔާ މެޗަށް ނުކުތްއިރުވެސް އޮތީ އެއްވަނައިގައެވެ. މިއަދުގެ މެޗުން މޮޅުވެ، މާޒިޔާއިން އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފައިވާ އިރު، ދެވަނައިގައި އޮތީ ވެލެންސިއާއެވެ. މާޒިޔާއިން މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ 15 ޕޮއިންޓް ހޯދާފައި އޮތް އިރު، ފަސް މެޗުން ވެލެންސިއަށް ލިބިފައި ވަނީ 12 ޕޮއިންޓެވެ. މާޒިޔާއާ ދެކޮޅަށް މިއަދު ކުޅުނު ޔުނައިޓެޑް ވިކްޓްރީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ.

މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން ކުޅުން ޑޮމިނޭޓް ކުރީ މާޒިޔާއިން ނަމަވެސް 16 ވަނަ މިނެޓުގައި ޔޫވީން ލީޑު ނެގިއެވެ، ޔޫވީއަށް ލީޑު ނަގައިދިނީ އެނަޓޯލީ ވްލާސިޗޭވްގެ ހިލޭ ޖެހުމަކުންނެވެ. އެ ގޯލަށްފަހުވެސް މާޒިޔާއިން ހަމަލާތަކަށް މަސައްކަތް ކޮށް ކުރިއަށް ބޯޅަތައް ސަޕްލައިން ކޮށްގެން ކުޅުނު އިރު، އަރިމަތިން ވަދެ ނާއިޒް ހަސަން (ދާދު) އާއި ކޯނެލިއަސް ސްޓެވާޓް ނަގައިދިން ހުރަސްތައް ފާހަގަވިއެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރަން 19 ވަނަ މިނެޓުގައި މާޒިޔާއަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ޔޫވީގެ އޭރިއާ ތެރެއިން ޑިފެންޑަރު މޫސާ އަޒީމް ހަސަން، މާޒިޔާ ފޯވަޑް ކޯނެލިއަސްއަށް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ ކޯނޭ ފޮނުވާލި ނަމަވެސް، އަހުނަފް ޒަރިޔަންދު ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ.

ގޯލަކަށް ޕްރެޝަރު ކުރަމުން ދިޔަ މާޒިޔާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 40 ވަނަ މިނެޓުގައެވެ. ޓަނާ ނަގައިދިން ކޯނަރު ގޯލަށް ވައްދާލީ މާޒިޔާގެ ސާބިއާ ޑިފެންޑަރު ނެމަންޔާ ކާޓާލްއެވެ.

ދެވަނަ ހާފުގައިވެސް ނުރައްކާ ކޮށް ފެށީ މާޒިޔާއިންނެވެ. ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އަށް ލިބުނު ހުސް ފުރުސަތެއް އޭނާ ނަގާލި އިރު، މާޒިޔާއިން ލީޑު ނެގީ 70 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ޓަނާ މަޑުމަޑުން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ގޯލްކީޕަރު އަހުނަފް ކައިރިން ލައިފައި ގޮހެވެ. އެ ގޯލުގައި ކީޕަރުގެ މަސައްކަތް ވަނދުކޮށް ފެނުނު އިރު، ޑިފެންޑަރުން ފެނުނީ މާޔޫސްވި މަންޒަރެވެ.

ގޯލަށްފަހުވެސް މާޒިޔާއިން އިތުރަށް ނުރައްކާ ކުރިއެވެ. އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް ލިބުނު ފުރުސަތުގައި އޭރިއާ ތެރެއިން ބޯޅައާ ފައި ލައްވާނުލައި ދިޔައިރު، މެދުތެރެއިން މޮޅު ކުޅުމެއް ދެއްކި ޓަނާގެ ހިތްގައިމު ބޯޅަތައް މެޗުގައި ފާހަގަވެފައިވެއެވެ.

ލީގުގައި މިރޭ އީގަލްސްއިން ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.