ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާކުރުމަށްޓަކައި އެކުލަވާލާފައިވާ ރިސާޗް ގްރޫޕަށް މިހާތަނަށް ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިސާޗް ގުރޫޕާ ބައްދަލުކުރެއްވުމަށްފަހުގައެވެ.
ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، މި ދިރާސާއަކީ ތައުލީމީ ދާއިރާއަށް ސަރުކާރުން ދޭ އިސްކަމުގެ ތެރެއިން ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތިބޭ މުދައްރިސުންނަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިތައް އޮޅުންފިލުވައި، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށް ކުރެވޭ ވަރަށް މުހިންމު ދިރާސާއެއް ކަމަށެވެ. އަދި މި ދިރާސާގެ އަލީގައި ދެނެގަނެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އެކަންކަން ހައްލުކުރުމަށް ހުށަހަޅާފައިވާ ކަންކަން ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން ތަންފީޒުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާކުރުމަށްޓަކައި އެކުލަވާލާފައިވާ ރިސާޗް ގްރޫޕުން ވަނީ މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް މަޝްވަރާކޮށްފައެވެ. މިއަދު މަޝްވަރާކުރި ބައެއް ކަންތައްތަކުގެ ތެރޭގައި ޓީޗަރުންގެ މުސާރަ، ވާކްލޯޑާއި ވާކް-ލައިފް ބެލެންސް، މުދައްރިސުންގެ ހައްގުތައް، މުދައްރިސުންނަށް ކުރާ ގަދަރާއި އިހުތިރާމް، މަސައްކަތް ކުރާ ތަނާއި ވަސީލަތްތައް، ތަމްރީނާއި ތަރައްގީ އަދި ތައުލީމީ ދާއިރާއަށް ކުރާ އަސަރު ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ސްކޫލުތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރަން ނިންމަވައި، ރައީސް އެކަން އިއުލާންކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ތާޖުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައެވެ. އެކަމަށްޓަކައި ހަ މެމްބަރުންގެ ޓީމެއް އެކުލަވާލައި ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
- ޑރ. އަހުމަދު އަލީމަނިކު، (ޗެއާޕާސަން) އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގެ ދާއިރާގެ މެންބަރު
- ޑރ. އަލީ ނަޖީބު، ހިއުމަން ރިސޯސްގެ ދާއިރާގެ މެންބަރު
- ޑރ. އައިޝަތު ޝަފިނާ، ސޯޝިއޮލޮޖީގެ ދާއިރާގެ މެންބަރު
- އާމިނަތު ޒުބައިރު، ޓްރޭނިންގެ ދާއިރާގެ މެންބަރު
- އަބްދުﷲ ޒަކަރިއްޔާ، ފައިނޭންސްގެ ދާއިރާގެ މެންބަރު
- އަބްދުﷲ ރަޝީދު، ތައުލީމީ ދާއިރާގެ މެންބަރު
ޚަބަރު
ޚަބަރު
ޚަބަރު